ENGLISH

19 އޭޕްރީލު 2025

Advertisement

ސަލާހުގެ އެހީއާއެކު ބޯންމަތު ބަލިކޮށް، ލިވަޕޫލަށް ނުވަ ޕޮއިންޓުގެ ލީޑެއް

02 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ސަލާހު (ކ) އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުގައި 2-0 އިން ބޯންމަތު ބަލިކޮށް، ލިވަޕޫލުން ތާވަލްގެ ކުރީގައި ނުވަ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

މި ނަތީޖާއާއެކު، ލިވަޕޫލް އެއްވަނައިގައި އުޅެނީ 23 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އުޅޭ އާސެނަލަށް 23 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، ހަމަ މި އަދަދަށް ޕޮއިންޓް ލިބިގެން ތިންވަނައިގައި ލަނޑުގެ ތަފާތުން އުޅެނީ ނޮޓިންގހަމް ފޮރެސްޓެވެ.

ބޯންމަތުގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލުން ލީޑު ނެގީ 30 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މިސްރުގެ ފޯވާޑް، މުޙައްމަދު ސަލާހު އެވެ. އަދި، އޭގެފަހުން، މެޗުގެ 75 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ހިތްގައިމު ބޯޅައަކުން ސަލާހު ވަނީ ލިވަޕޫލަށް މޮޅު ކަށަވަރުކޮށްދީފައެވެ.

މި މެޗުގައި ޖެހި ލަނޑުތަކާއެކު ސަލާހު ވަނީ 21 ގޯލު ހަމަކޮށް، ޖެހިޖެހިގެން ލީގުގެ ފަސް ސީޒަނުގައި 20 އަށްވުރެ ގިނަ ލަނޑުޖެހި ފަސްވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ވުލްވްސްގެ ދަނޑުގައި އެ ޓީމުން ވަނީ 2-0 އިން އެސްޓަން ވިލާ ބަލިކޮށްފައެވެ.

ނިއުކާސަލް ޔުނައިޓެޑްގެ ދަނޑުގައި އެ ޓީމު އަތުން 1-2 އިން ފުލަމް މޮޅުވިއިރު، ފޮރެސްޓުން ވަނީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބްރައިޓަން ބަލިކޮށްފައެވެ. އެވަޓަންގެ ދަނޑުގައި އެ ޓީމު ވަނީ 4-0 އިން ލެސްޓަރ ސިޓީ އަތުން މޮޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު