ENGLISH

19 އޭޕްރީލު 2025

Advertisement

ކޯޗު ބަދަލުވުމުން، ކޯޓުއާ ބެލްޖިއަމަށް ކުޅެން ތައްޔާރު

01 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ރެއާލްގެ ބެލްޖިއަމް ކީޕަރު، ކޯޓުއާ. --ފޮޓޯ: ގެޓީ އިމޭޖަސް

ބެލްޖިއަމްގެ ކޯޗުގެ މަގާމުން ޑޮމެނިކޯ ޓެޑެސްކޯ ވަކިކުރުމަށްފަހު، ރުޑީ ގާސިއާ ހަމަޖެއްސުމާއެކު ޤައުމީ ޓީމަށް އެނބުރި އަންނަން ތައްޔާރަށް ހުރިކަމަށް ރެއާލް މެޑްރިޑްގެ ގޯލްކީޕަރު، ތިބައު ކޯޓުއާ ބުނެފިއެވެ.

މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޯޓުއާ ފިޓްވި ނަމަވެސް، އޭރުގެ ކޯޗު ޓެޑެސްކޯގެ ބެލްޖިއަމް ޓީމުން ފުރުޞަތު ނުދިނުމުން، އެ ކޯޗު ހުއްޓާ ދެން އޭނާ ޤައުމީ ޓީމަށް ނުކުޅެން ނިންމިއެވެ.

ބެލްޖިއަމްގައި ހޭދަކުރި މަދު ދުވަސްކޮޅުގައި ނަތީޖާތައް ރަނގަޅުނުވުމުން މަގާމުން މިދިޔަ އަހަރުގެ ފަހުކޮޅު ވަކިކޮށް، ޔޫރަޕްގެ ގިނަ ކުލަބުތަކަކަށް އިރުޝާދުދީފައިވާ ގާސިއާ ހަމަޖެއްސުމާއެކު، ކޯޓުއާގެ ރާގު ވަނީ ބަދަލުވެފައެވެ.

މި ވަގުތު ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރުންގެ ތެރޭގައި ހިމެނޭ، ކޯޓުއާ ބުނީ، ބެލްޖިއަމްގެ މިހާރުގެ ކޯޗު ގާސިއާ އާ ވާހަކަދައްކާފައިވާ ކަމަށާއި، ކުރިއަށް އޮތް ތާނގާއި މެޑްރިޑަށް ވެސް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޯޓުއާ ވަނީ، ބެލްޖިއަމް ޓީމު ތެރޭގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށާއި، މައްސަލަ ޖެހުނީ ކުރީގެ ކޯޗާ އެކަނި ކަމަށް ބުނެފައެވެ.

އަދި، އޭނާގެ މައިގަނޑު މަގްސަދަކީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އެ ޓީމާއެކު ބައިވެރިވުން ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް މާރިޗް މަހު ކުޅެން ޖެހޭ މެޗުތަކުން ޤައުމީ ޓީމުން ފުރުޞަތު ލިބޭނެ ކަމުގެ އުއްމީދުގައި ހުރި ކަމަށް ވެސް ކޯޓުއާ ބުނެފައިވެއެވެ.

ދެހާސް އެގާރަ ވަނަ އަހަރު ބެލްޖިއަމް ޤައުމީ ޓީމަށް ކުޅެން ފެށި ކޯޓުއާ ވަނީ މިހާތަނަށް 102 މެޗު ކުޅެދީ، އޭގެތެރެއިން 51 މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ނިންމާލައިފައެވެ. އޭނާ އެންމެ ފަހުން ޤައުމީ ޓީމަށް މެޗެއް ކުޅުނީ 2023 ވަނަ އަހަރުގެ ޖޫން މަހުއެވެ.

މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، ކޯޓުއާ ނެތި ބެލްޖިއަމްގެ ޤައުމީ ޓީމުގެ އެއްވަނަ ކީޕަރުގެ މަގާމު ފުރަމުން އައިސްފައިވަނީ ސަޢޫދީ ޕްރޯ ލީގުގައި ކުޅެމުން އަންނަ ކީޕަރު، ކޮއެން ކަސްޓީލްސް އެވެ.                                           

ކިޔުންތެރިންގެ ހިޔާލު