ENGLISH
19 އޭޕްރީލު 2025
12 އަހަރަށްފަހު ނޭމާ އެނބުރި ސަންޓޯސް އަށް
01 ފެބްރުއަރީ 2025
|
ނޭމާ، ސަންޓޯސްގެ ޖާޒީގައި. --ފޮޓޯ: އޭޕީ
ބްރެޒިލްގެ ތަރި ނޭމާ، ސަޢޫދީ ޢަރަބިއްޔާގެ އަލް ހިލާލް ދޫކޮށް، ބްރެޒިލްގެ ކުލަބު ސަންޓޯސް އަށް ބަދަލުވެފައިވާކަން އެ ކުލަބުން ކަށަވަރުކޮށްދީފިއެވެ.
އުމުރުން 32 އަހަރުގެ ނޭމާ، ސަންޓޯސް އަށް ބަދަލުވެފައިމިވަނީ ބާސެލޯނާ އަށް ދިއުމަށްޓަކައި އެ ކުލަބު ދޫކޮށްލިތާ 12 ވަރަކަށް އަހަރު ފަހުންނެވެ.
ބްރެޒިލްގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުލަބު ކަމަށްވާ، ސަންޓޯސްއާ ނޭމާ ގުޅިފައިވާކަން ކަށަވަރުކޮށްދިނުމަށް އެ ޓީމުން އެކްސްގައި ކުރި ޕޯސްޓެއްގައިވާ ވީޑިއޯގައިވަނީ، "ޕްރިންސް އެނބުރި އަތުވެއްޖެ" ކަމަށެވެ.
މީގެ 18 މަސްދުވަސް ކުރިން، ގާތްގަނޑަކަށް 98.5 މިލިއަން އެމެރިކާ ޑޮލަރުގެ ޑީލެއްގައި ޕީއެސްޖީން އަލް ހިލާލަށް ބަދަލުވި ނޭމާ ވަނީ، އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށްފައެވެ.
އަދި، ނޭމާ ވަނީ ކެރިއަރުގެ ކުރީކޮޅު ކުޅުނު ސަންޓޯސް އާއެކު ކުރު މުއްދަތެއްގެ އެއްބަސްވުމެއްގައި ސޮއިކުރާނެކަން މިދިޔަ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ދިން އިންޓަވިއުއެއްގައި ބުނެފައެވެ.
ނޭމާ ކުރީން ސަންޓޯސް އަށް ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
ނޭމާ، އެންމެ ފަހުން ކުޅުނު ސަޢޫދީގެ އަލް ހިލާލްގައި ހޭދަކުރި ދުވަސްވަރު އަނިޔާގެ މައްސަލަތަކާ ހުރެ އެންމެ ރަނގަޅު ކުޅުން ދެއްކޭގޮތްނުވެ، ގިނަ މެޗުތަކެއް ވަނީ ގެއްލިފައެވެ. އޭނާ އެ ޓީމަށް ކުޅުނީ އެންމެ ހަތް މެޗެވެ.
ސަންޓޯސްގައި ހޭދަކުރި މުއްދަތުގައި ނޭމާ ވަނީ، 225 މެޗުގައި 136 ލަނޑުޖަހައި، އެ ޓީމާއެކު 2011 ވަނަ އަހަރުގެ ކޮޕަ ލިބަޓަޑޯރެސް ހިމެނޭގޮތަށް ހަ މުބާރާތެއް ކާމިޔާބުކޮށްފައެވެ.
އޭގެފަހުން، ބާސެލޯނާގައި ހޭދަކުރި ހަތަރު ސީޒަނުގައި ވަނީ 105 ލަނޑުޖަހައި، ދެ ފަހަރު ސްޕެނިޝް ލީގާއި، ޗެމްޕިއަންސް ލީގާއި ކުލަބު ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.
އެއަށްފަހު، 2017 ގައި ދުނިޔޭގެ ރެކޯޑް ޓްރާންސްފަރ ފީއެއް ކަމަށްވާ، ގާތްގަނޑަކަށް 263 މިލިއަން އެމެރިކާ ޑޮލަރަށް ޕީއެސްޖީ އަށް ބަދަލުވެ، އެ ޓީމާއެކު ހޭދަކުރި މުއްދަތުގައި 13 ޓްރޮފީ ކާމިޔާބުކޮށްފައިވެއެވެ.
މީގެ 14 ވަރަކަށް އަހަރު ކުރީން، ބްރެޒިލަށް ކުޅެން ފެށި ނޭމާ ވަނީ އެ ޓީމަށް ކުޅެދިން 128 މެޗުގައި 79 ލަނޑު ޖަހައިފައެވެ. މިހާތަނަށް ބްރެޒިލްގެ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑް އޮތީ ވެސް ނޭމާ އަތުގައެވެ.