ENGLISH
19 އޭޕްރީލު 2025
ހަތަރުވަނަ މެޗުގައި އިންގްލެންޑް ބަލިކޮށް، އިންޑިއާ އިން ސިލްސިލާ ކާމިޔާބުކޮށްފި
01 ފެބްރުއަރީ 2025
|
އިންގްލެންޑްގެ ކުޅުންތެރިއަކު ނުބައިކޮށްލުމަށްފަހު އިންޑިއާގެ ވަރުން ޗަކްރަވާތީ އުފާ ފާޅުކުރަނީ. --ފޮޓޯ: ބީސީސީއައި
އިންޑިއާގައި މިހާރު ކުޅެމުންދާ ޓީ20 މެޗުތަކުގެ ތެރެއިން، ހަތަރުވަނަ މެޗުގައި އިންގްލެންޑް ބަލިކޮށް، އިންޑިއާ އިން ސިލްސިލާ ކާމިޔާބުކޮށްފިއެވެ.
ރޭ ކުޅުނު މި މެޗުން އިންޑިއާ މޮޅުވީ 15 ލަނޑުންނެވެ.
މި ދެ ޓީމުގެ މެދުގައި އިންޑިއާގައި ކުރިއަށްދާ ފަސް މެޗުގެ ޓީ20 ސިލްސިލާގެ ބާކީ މެޗެއް އޮއްވާ، އިންޑިއާ އިން ކާމިޔާބުކުރީ 3-1 އިންނެވެ.
ޕޫނޭގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން އިންގްލެންޑުން ގަސްދުކުރީ ހޮވަން އަރާށެވެ. އިންޑިއާ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ނުވަ ވިކެޓަށް 181 ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ ހާޑިކް ޕާންޑްޔާ އާއި ޝިވަމް ޑުބޭ އެވެ. މި ދެ ކުޅުންތެރިން ވެސް ނުބައިވީ 53 ލަނޑަށެވެ. އިންގްލެންޑުން އެންމެ ރަނގަޅަށް އުކީ ތިން ވިކެޓް ނެގި ސާޤިބް މަހްމޫދު އެވެ.
ޖަވާބުގައި ކުޅެން އަރައި، 19.4 އޯވަރުގެ ތެރޭގައި އިންގްލެންޑުން ހުރިހާ ކުޅުންތެރިން ނުބައިވީ 166 ލަނޑަށެވެ. އިންގްލެންޑުން އެންމެ ރަނގަޅަށް ކުޅުނީ 26 ބޯޅައިން 51 ލަނޑު ހެދި ހެރީ ބްރޫކް އެވެ. އެ ޓީމުގެ ކެޕްޓަން، ޖޮސް ބަޓްލާ ނުބައިވީ އެންމެ ދެ ލަނޑަށެވެ.
މި އިނިންގްސްގައި އިންޑިއާ އިން އެންމެ ރަނގަޅަށް އުކި ރަވީ ބިޝްނޮއި އާއި ހަރްޝިތު ރާނާ ކުރެން ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓް ނެގިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިންޑިއާގެ ޝިވަމް ޑުބޭ އެވެ.
އިންޑިއާ އާއި އިންގްލެންޑް ދެމެދު ކުޅުމަށް ހަމަޖެހިފައިވާ ފަސްވަނަ މެޗު އޮންނާނީ މާދަމާ ރޭ މުމްބާއީ ގައެވެ.