ENGLISH
19 އޭޕްރީލު 2025
ޗެމްޕިއަންސް ލީގުގެ ޕްލޭ-އޮފްގައި ރެއާލާއި މެންޗެސްޓަރ ސިޓީގެ ކުރިމަތިލުމެއް
31 ޖެނުއަރީ 2025
|
ޗެމްޕިއަންސް ލީގުގެ ޕްލޭ-އޮފް ބުރުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ޔުއެފާ
ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ-އޮފް ބުރުގެ ގުރު ނެގިއިރު، އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑާއި، އިންގްލެންޑްގެ މެންޗެސްޓަރ ސިޓީ ބައްދަލުކުރަން ޖެހިއްޖެއެވެ.
ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ، ރެއާލުން ވަނީ ނިމިދިޔަ ސީޒަނުގެ މުބާރާތުގެ ކުއާޓަރ ފައިނަލުގައި ސިޓީގެ މައްޗަށް ކުރިހޯދައިފައެވެ. އޭގެކުރީ ސީޒަނުގެ ޗެމްޕިއަންކަން ސިޓީ ހޯދިއިރު، ސެމީ ފައިނަލުގައި ވަނީ ރެއާލް ބަލިކޮށްފައެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދައިގެން، ދެވަނަ އަށް އެންމެ ކާމިޔާބު ޓީމު ކަމަށްވާ، އިޓަލީގެ އޭސީ މިލާން ބައްދަލުކުރާނީ ނެދަލެންޑްސްގެ ފެޔަނޫޑާ އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދާފައިވާ ޖަރުމަނުގެ ބަޔާން މިއުނިކް ނުކުންނާނީ ކުރީގެ ޗެމްޕިއަނެއް ކަމަށްވާ، ސްކޮޓްލެންޑްގެ ސެލްޓިކާ ދެކޮޅަށެވެ.
ކުރިން ދެ ފަހަރެއްގެ މަތީން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އިޓަލީގެ ޔުވެންޓަސް ޕްލޭ-އޮފް ބުރުގައި ބައްދަލުކުރަންޖެހެނީ 1988 ވަނަ އަހަރުގެ ޗެމްޕިއަން، ޕީއެސްވީ އެއިންދޯވަންއާ އެވެ.
ޗެމްޕިއަންސް ލީގުގެ ޕްލޭ-އޮފް ބުރު ހިމެނޭ ގޮތަށް ނޮކްއައުޓް ބުރުގެ މެޗުތަކުގެ ބްރެކެޓް. --ފޮޓޯ: ޔުއެފާ
ދެން އެންމެ ފާހަގަކޮށްލެވޭ އެއް މެޗަށް ވެގެންދާނީ، 1960 ގެ އަހަރުތަކުގެ ކުރީކޮޅު ދެ ފަހަރެއްގެ މަތީން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ، ޕޯޗުގަލްގެ ބެންފިކާ އާއި 2004 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ފްރާންސްގެ މޮނާކޯ ބައްދަލުކުރާ މެޗެވެ.
މި މުބާރާތުގެ ޕްލޭ-އޮފް ބުރުގައި ދެން އޮތީ ފްރާންސަށް ނިސްބަތްވާ ދެ ކުލަބުގެ ކުރިމަތިލުމެކެވެ. އެގޮތުން، އެ މެޗުގައި ޕީއެސްޖީ ނުކުންނާނީ ބްރެސްޓްއާ ދެކޮޅަށެވެ. މީގެކުރީން، މި ދެ ޓީމުން ޔޫރަޕްގެ މުބާރާތެއްގައި ބައްދަލުކޮށްފައެއް ނުވެއެވެ.
މި އަހަރުގެ މުބާރާތުގެ ނޮކްއައުޓް ބުރުގެ ޕްލޭ-އޮފް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 11-12 އާއި 18-19 ގައެވެ.
އަންނަ މެއި މަހުގެ 31 ވަނަ ދުވަހަށް ތާވަލުކުރެވިފައިވާ މުބާރާތުގެ ފައިނަލު މެޗު އޮންނާނީ ޖަރުމަނުގެ މިއުނިކު ގައެވެ.