ENGLISH
19 އޭޕްރީލު 2025
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މެސީ ކުޅޭނެ: ސްކަލޯނީ
31 ޖެނުއަރީ 2025
|
އާޖެންޓީނާގެ ކޯޗު، ސްކަލޯނީ އާއި ކެޕްޓަން، މެސީ (ކ) ވާހަކަދައްކަނީ. --ފޮޓޯ: ގެޓީ އިމޭޖަސް
ދެހާސް ސައްބީސް ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ ކުޅެން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު، ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.
ސްކަލޯނީ މިހެން ބުނީ، ދާދިފަހުން ޑީސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައެވެ.
އެންމެ ފަހުން ޤަތަރުގައި ބޭއްވި ވޯލްޑް ކަޕް، އާޖެންޓީނާ އަށް ކާމިޔާބުކޮށްދިން ކޯޗު، ސްކަލޯނީ ވަނީ، މިވަގުތަށް ބަލާއިރު ކުރިއަށް އޮތް މުބާރާތުގައި މެސީ ކުޅޭނެކަން ރަސްމީކޮށް އިޢުލާންކުރުން މާއަވަސް ކަމަށް ބުނެފައެވެ.
ސްކަލޯނީގެ ވާހަކައިގައި ވަނީ، އާޖެންޓީނާގެ ޤައުމީ ޓީމަށް ކުޅުމުގައި މެސީ އަދިވެސް ދެމިހުރުމަށް އެދޭކަން ފާހަގަކޮށްފައެވެ.
އެގޮތުން، ސްކަލޯނީ ބުނީ، އާޖެންޓީނާގެ ހުރިހާ ކުޅުންތެރިންނާއި ޚުދު މެސީ ހިމެނޭގޮތަށް އެންމެން ވެސް ކުރިއަށް އޮތް ވޯލްޑް ކަޕްގައި މެސީ އަށް ކުޅެވިދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
"އަހަރެމެން ވިސްނާ ގޮތް، އޭނާ [މެސީ] އަށް އެނގޭނެ. ކަންތައްތައް ވާގޮތް ބަލަން މިތިބީ." ސްކަލޯނީ ބުންޏެވެ.
ސްކަލޯނީ ވަނީ، މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ފަހު ޤައުމީ ޓީމުން ރިޓަޔާކުރި އެންހެލް ޑި މާރިއާ އާ ބެހޭގޮތުން ވެސް ވާހަކަދައްކާފައެވެ.
"އެންހެލް ބުނި ގޮތުންނަމަ އެކަންތައް ނިމިއްޖެ. އޭނާ ރިޓަޔާކޮށްފައި އެވަނީ ވަރަށް ފުރިހަމަ ދަނޑިވަޅެއްގައި." ސްކަލޯނީ ބުންޏެވެ.
ޑި މާރިއާ އަށް އެއަށްވުރެ ފުރިހަމަ އަށް ރިޓަޔާކުރާނެ ފުރުޞަތެއް ލިބިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި، އޭނާގެ ފުޓްބޯޅަ ހަޔާތާ ގުޅޭގޮތުން ފިލްމެއް ނުވަތަ ފޮތެއް ލިޔަން ބޭނުންވި ނަމަވެސް އެއަށްވުރެ ފުރިހަމަނުވާނެ ކަމަށް ވެސް ސްކަލޯނީ ބުނެފައިވެއެވެ.