ENGLISH
19 އޭޕްރީލު 2025
ވިޒަޑްސް އަތުން ލޭކާސް އަށް ބޮޑު މޮޅެއް
31 ޖެނުއަރީ 2025
|
ލޭކާސްއާ ވިޒަޑްސް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ
އެންބީއޭގައި މިއަދު ކުޅުނު މެޗުގައި ވޮޝިންގޓަން ވިޒަޑްސް އަތުން 134-96 ގެ ތަފާތު ބޮޑު ނަތީޖާއަކުން ލޮސް އެންޖެލިސް ލޭކާސް މޮޅުވެއްޖެއެވެ.
މިއީ ލީގުގައި ލޭކާސް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ހަތަރުވަނަ ފަހަރެވެ. އަނެއްކޮޅުން، މިއީ ވިޒަޑްސް އިން ޖެހިޖެހިގެން ބަލިވި 16 ވަނަ މެޗެވެ.
ވޮޝިންގޓަންގައި ހުންނަ ކެޕިޓަލް ވަން އެރީނާގައި މިއަދު ކުޅުނު މެޗު ފެށިގެން ހުރިހާ ކުއާޓަރގައި ވެސް ލީޑުކޮށްފައި ވަނީ ލޭކާސް އިންނެވެ. އެ ޓީމުން 42-29 ގެ ތަފާތަކުން ފުރަތަމަ ކުއާޓަރ ނިންމާލިއިރު، ދެވަނަ ކުއާޓަރގައި ކުރިހޯދީ 36-16 އިންނެވެ. މިއާއެކު، ލޭކާސް އިން ފުރަތަމަ ދެ ކުއާޓަރ ނިންމާލީ 78-45 އިން ކުރީގަ އޮވެގެންނެވެ.
ފުރަތަމަ ދެ ކުއާޓަރއާ ޚިލާފަށް ވިޒަޑްސް އިން ވަނީ ފަހު ދެ ކުއާޓަރގައި ދެ ޓީމުގެ ތަފާތު ކުޑަކޮށްފައެވެ. ލޭކާސް އިން ތިންވަނަ ކުއާޓަރގައި 27-25 އިން ކުރިހޯދައި، އެންމެ ފަހު ކުއާޓަރ 29-26 އިން ކުރީގަ އޮވެ، ނިންމާލިއެވެ.
މި މެޗުގައި ލޭކާސް އިން އެންމެ މޮޅަށް ކުޅުނު ޖޭމްސް ވަނީ 24 ޕޮއިންޓާއެކު، 11 އެސިސްޓް ހަދައި، ޑަބަލް-ޑަބަލްއެއް ފުރިހަމަ ކޮށްފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ރުއީ ހަޗިމޫރާ ވަނީ 22 ޕޮއިންޓް އެއްކޮށްފައެވެ.
ވިޒަޑްސްގެ ޖޯޑަން ޕޫލް ފިޔަވައި އެހެން ކުޅުންތެރިއަކަށް ރަނގަޅު ސްކޯއެއް ނުކުރެވުނެވެ. ޖޯޑަން ޕޫލް ވަނީ 19 ޕޮއިންޓް އެއްކޮށްފައެވެ. ކުރީން، ލޭކާސް އަށް ކުޅުނު ކައިލް ކުޒްމާ އަށް އެއްކުރެވުނީ އެންމެ 13 ޕޮއިންޓެވެ.
މި މުބާރާތުގައި މިއަދު ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ކްލީވްލެންޑް ކަވަލިއާސް ވަނީ އެޓްލާންޓާ ހޯކްސް އަތުން 137-115 އިން މޮޅުވެފައެވެ. ހިއުސްޓަން ރޮކެޓްސް އަތުން މެމްފިސް ގްރިޒްލީސް މޮޅުވީ 120-119 އިންނެވެ.