ENGLISH
19 އޭޕްރީލު 2025
ރެއާލާއި ބަޔާން މޮޅުވިޔަސް އޮޓޮމެޓިކް ޖާގައެއް ނުލިބުނު
30 ޖެނުއަރީ 2025
|
ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު އެމްބާޕޭ (ކ) އާއި ރޮޑްރީގޯ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ލީގު ފިޔަވަހީގެ ބުރުގެ އެންމެ ފަހު މެޗުތަކުން، ރެއާލް މެޑްރިޑާއި ބަޔާން މިއުނިކް މޮޅުވި ނަމަވެސް، އެ މުބާރާތުގެ ގަދަ އަށެއްގައި ނުހިމެނި، ޕްލޭ-އޮފް ބުރުގައި ވާދަކުރަން ޖެހިއްޖެއެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އަދި އެންމެ ފަހުގެ ޗެމްޕިއަން، ރެއާލަށް 15 ޕޮއިންޓާ އެކު 11 ވަނަ ލިބުނުއިރު، ހަމަ މި އަދަދަށް ޕޮއިންޓް ލިބިގެން ބަޔާނަށް ލިބުނީ 12 ވަނަ އެވެ.
ފްރާންސްގެ ބްރެސްޓްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުގައި ރެއާލް މޮޅުވީ ފަހު ހާފުގައި ޖެހި ލަނޑުތަކުންނެވެ. ރެއާލްގެ ތިން ގޯލްގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ ރޮޑްރީގޯ އެވެ. އަނެއް ލަނޑުޖެހީ ޖޫޑް ބެލިންހަމް އެވެ.
ބަޔާންގެ އެލިއާންޒް އެރީނާގައި އެ ޓީމު ވަނީ ސްލޮވޭކިއާގެ ސްލޮވަން ބްރަޓިސްލާވާ އަތުން 3-1 އިން މޮޅުވެފައެވެ. މި މެޗުގައި ބަޔާންގެ ލަނޑުތައް ޖަހައިދިނީ ކިންގްސްލީ ކޯމަން، ހެރީ ކޭން އާއި ތޯމަސް މުލާ އެވެ. ބްރަޓިސްލާވާގެ ހަމައެކަނި ލަނޑު ޖަހައިދިނީ މާކޯ ޓޮލިޗް އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އެސްޓަން ވިލާގެ ދަނޑުގައި އެ ޓީމުން ވަނީ 2-4 އިން ސެލްޓިކް ބަލިކޮށް، ގަދަ 8 ޓީމުގެ ތެރޭގައި ހިމެނިފައެވެ.
އިންޓަރ މިލާން ވަނީ 3-0 އިން މޮނާކޯ ބަލިކޮށްފައެވެ. މި މެޗުގައި އިންޓަރގެ ދެލަނޑު ވެސް ޖަހައިދިނީ ލަޓާރޯ މާޓިނޭޒް އެވެ.
އާސެނަލް ރަށުން ބޭރުގައި ސްޕެއިނުގެ ޖިރޯނާ އަތުން މޮޅުވީ 2-1 އިންނެވެ. އާސެނަލްގެ ލަނޑުތައް ޖަހައިދިނީ އީތަން އެންވަނޭރީ އާއި ޖޯޖީނިއޯ އެވެ. ޖިރޯނާގެ ހަމައެކަނި ލަނޑުޖެހީ އާނައުޓް ޑަންޖޫމާ އެވެ.
އޮސްޓްރިއާގައި އާރްބީ ސަލްޒްބާގް އަތުން 1-4 އިން އެތުލެޓިކޯ މޮޅުވިއިރު، ޑީނަމޯ ޒަގްރެބް އަތުން އޭސީ މިލާން ބަލިވީ 2-1 އިންނެވެ.