ENGLISH

19 އޭޕްރީލު 2025

Advertisement

މެންޗެސްޓަރ ސިޓީ، ޔުވެންޓަސް އާއި ޕީއެސްޖީ ޕްލޭ-އޮފް ބުރަށް

30 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ރޭގެ މެޗަށްފަހު މެންޗެސްޓަރ ސިޓީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ލީގު ފިޔަވަހީގެ ބުރުގެ އެންމެ ފަހު މެޗުތަކަށްފަހު، މެންޗެސްޓަރ ސިޓީ އާއި ޔުވެންޓަސްގެ އިތުރުން ޕީއެސްޖީން އެ މުބާރާތުގެ ޕްލޭ-އޮފް ބުރުން ޖާގަ ހޯދައިފިއެވެ.

ރޭގެ ނަތީޖާއާއެކު، ސިޓީ އަށް 11 ޕޮއިންޓާއެކު 22 ވަނަ ލިބުނުއިރު، 12 ޕޮއިންޓާއެކު ޔުވެންޓަސް އޮތީ 20 ވަނައިގައެވެ. ޕީއެސްޖީ ނިންމާލީ 13 ޕޮއިންޓާއެކު 15 ވަނައިގައި އޮވެގެންނެވެ.

އަމިއްލަ ދަނޑުގައި ސިޓީން ވަނީ ބެލްޖިއަމްގެ ކުލަބު ބްރޫޖް އަތުން 3-1 އިން މޮޅުވެފައެވެ. ޖަރުމަނުގެ ސްޓުޓްގާޓް އަތުން ރަށުން ބޭރުގައި 1-4 އިން ޕީއެސްޖީ މޮޅުވިއިރު، ޔުވެންޓަސްގެ ދަނޑުގައި އެ ޓީމު ވަނީ ޕޯޗުގަލްގެ ބެންފީކާ އަތުން 0-2 އިން ބަލިވެފައެވެ.

އިއްތިހާދުގައި ރޭ ކުޅުނު މެޗުގައި ސިޓީގެ ލަނޑުތައް ޖަހައިދިނީ ސަވީނިއޯ އާއި މަޓެއޯ ކޮވެސިޗް އެވެ. އެ ޓީމުގެ އަނެއް ގޯލަކީ ބްރޫޖްގެ ޖޮއެލް އޯޑޮނޭޒް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ބްރޫޖްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ރަފައެލް އޮންޔެޑީކާ އެވެ.

ސްޓުޓްގާޓްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީން ޖެހި ހަތަރު ލަނޑުގެ ތެރެއިން އެ ޓީމުގެ އޮސްމާނޭ ޑެމްބެލޭ ވަނީ ތިން ގޯލް ޖަހައި، ހެޓްރިކް ހަދާފައެވެ. އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ ބްރެޑްލީ ބާކޯލާ އެވެ. މި މެޗުގައި ސްޓުޓްގާޓުން ޖެހި ލަނޑަކީ، ޕީއެސްޖީގެ ޑިފެންޑަރު، ވިލިއަމް ޕާޗޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މި މުބާރާތުގައި ރޭ ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗުގައި ބެންފީކާގެ ލަނޑުތައް ޖަހައިދިނީ ވަންޖެލީސް ޕަވްލީޑިސް އާއި އޯކުން ކޮކްޗޫ އެވެ.

ލީގު ފިޔަވަހީގެ ބުރުގެ އެއްވަނައިގައި އުޅޭ ލިވަޕޫލް، ގިނަ ބަދަލުތަކާއެކު ނިކުމެ ރަށުން ބޭރުގައި 2-3 އިން ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވަން އަތުން ބަލިވިއިރު، ދެވަނައިގައި އޮތް ބާސެލޯނާ ކުޅުނު މެޗުގައި 2-2 އިން އެޓަލާންޓާއާ ވަނީ އެއްވަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު