ENGLISH
19 އޭޕްރީލު 2025
ލީގު ބުރުގައި އެއްވަނަ ހޯދުމަށްވުރެ އަރާމުކުރުން މުހިއްމު: ސްލޮޓް
29 ޖެނުއަރީ 2025
|
ލިވަޕޫލްގެ ކޯޗު، ސްލޮޓް. އެ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ލީގު ފިޔަވަހީގެ ބުރުގެ އެއްވަނައިގައި އޮވެ ނިންމާލުމަށްވުރެ، މުހިއްމު ކުޅުންތެރިންނަށް އަރާމުކުރަން ވަގުތު ދިނުން މުހިއްމު ކަމަށް ލިވަޕޫލްގެ ކޯޗު، އާނެ ސްލޮޓް ބުނެފިއެވެ.
ސްލޮޓް މިހެން ބުނީ، ޗެމްޕިއަންސް ލީގުގައި މިރޭ ރަށުން ބޭރުގައި ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވަންއާ ދެކޮޅަށް ނުކުތުމުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެގޮތުން، މިރޭގެ މެޗަށް ނުކުންނައިރު ލިވަޕޫލުން ވަނީ އެ ޓީމުގެ ކެޕްޓަން، ވާޖިލް ވެން ޑައިކް، މުޙައްމަދު ސަލާހު އާއި އެލިސަން ބެކާ ވެސް ސްކޮޑުން އުނިކޮށްފައެވެ. މީގެއިތުރުން، އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް، އިބްރާހިމާ ކޮނާޓޭ، ރަޔާން ގްރަވެންބެކް އާއި އެލެކްސިސް މެކްއެލިސްޓާގެ އިތުރުން ޑޮމިނިކް ސޮބޯޒްލާއީ އަދި ލުއިސް ޑިއާޒް ވެސް މިރޭގެ މެޗުގައި ނުކުޅޭނެ އެވެ.
ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗަށް ފަހު ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އޮތް ހަމައެކަނި ޓީމުގެ ގޮތުގައި ލިވަޕޫލް އޮތްއިރު، މިދިޔަ ހަފްތާގައި ފްރާންސްގެ ލިއްލެ އަތުން ހޯދީ މޮޅާއެކު ވަނީ އެ މުބާރާތުގެ ގަދަ 8 ޓީމުގެ ތެރޭގައި ހިމެނި، ގަދަ 16 ގެ ބުރަށް ދަތުރުކޮށްފައެވެ.
މިއާއެކު، ކުރިއަށް އޮތް ހަފްތާގައި އެ ޓީމަށް ހުރި މެޗުތަކަށް ފުރިހަމައަށް ތައްޔާރުވުމުގެ ގޮތުން، މުހިއްމު ގިނަ ކުޅުންތެރިންތަކަކަށް އަރާމުކުރަން ފުރުޞަތު ދީފައިވާއިރު، ކޯޗު ސްލޮޓް ބުނީ، މި ސީޒަނުގައި އަދިވެސް ބޮޑެތި ގިނަ މެޗުތަކެއް އެބަހުރި ކަމަށެވެ.
ވާޖިލް ވެން ޑައިކް (ވ-2) ލިވަޕޫލުން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން. --ފޮޓޯ: އޭޕީ
ޔޫރަޕްގައި ވާދަކުރާ އެހެން ޓީމުތަކެކޭ އެއްގޮތަށް ލިވަޕޫލަށް ވެސް ސީޒަނެއްގައި ގިނަ އަދަދަކަށް މެޗުތަކެއް ކުޅެން ޖެހިފައިވާ ކަމަށާއި، އަދި މިހާތަނަށްއައިއިރު ވެސް އޭނާގެ ކުޅުންތެރިން ނިސްބަތުން ގިނަ އަދަދެއްގެ މެޗު ކުޅެފައިވާ ކަމަށް ވެސް ސްލޮޓް ފާހަގަކުރިއެވެ.
ސްލޮޓް ބުނީ، ސީޒަނުގައި މިހާ ހިސާބަށްއައިއިރު ވެސް އެފްއޭ ކަޕާއި، ލީގު ކަޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ހަފްތާތަކުގައި އޭނާގެ ޓީމުގެ ބައެއް ކުޅުންތެރިންނަށް އަރާމުކުރަން ފުރުޞަތު ދީފައިވާ ކަމަށެވެ.
މިރޭގެ މެޗަށް ނިކުންނައިރު ލިވަޕޫލަށް ވަނީ އެންމެ ދަށްވެގެން ޗެމްޕިއަންސް ލީގުގެ ލީގު ފިޔަވަހީގެ ބުރުގެ ދެވަނަ މަގާމު ވެސް ކަށަވަރުވެފައެވެ. މިއާއެކު، ގަދަ 16 ގެ ބުރުގައި އެ ޓީމުން ވާދަކުރަންޖެހޭނެ ޓީމަކަށް މާބޮޑު ބަދަލެއް ވެސް ނާންނާނެއެވެ.
މި ކަމާ ގުޅޭގޮތުން، ސްލޮޓް ވަނީ، މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ އައު ފޯމެޓާ ބެހޭ މަޢުލޫމާތުތައް ދަސްކުރުމަށް ވަގުތުތަކެއް ނެގި ކަމަށާއި، އޭނާ އަށް ކަންތައްތައް އޮޅުން ފިލާފައިވާ ގޮތުން މިރޭގެ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުން ދެން އޮތް ބުރުގައި ލިވަޕޫލަށް ގެއްލޭނެ އެއްޗެއް ނެތް ކަމަށް ބުނެފައެވެ.