ENGLISH

19 އޭޕްރީލު 2025

Advertisement

ސްޕެއިނުން ޑި ލަ ފުއެންޓޭގެ އެއްބަސްވުން އާކޮށްފި

28 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ސްޕެއިނާއެކު ޑި ލަ ފުއެންޓޭ ހަދާފައިވާ އެއްބަސްވުން އައު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

ސްޕެއިނުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، ލުއިސް ޑި ލަ ފުއެންޓޭ އާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

އުމުރުން 63 އަހަރުގެ ޑި ލަ ފުއެންޓޭ އާއެކު ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ހަދާފައިވާ އެއްވަސްވުން ހަމަވާނީ 2028 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނިޔަލަށެވެ.

އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް ސައްތައިން ސައްތައިގެ ރެކޯޑަކާއެކު ސްޕެއިނަށް ކާމިޔާބުކޮށްދިން ޑި ލަ ފުއެންޓޭ ވަނީ 2013 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި އެ ޤައުމުގެ ޒުވާން ޓީމުތަކަށް އިރުޝާދު ދީފައެވެ.

ޑި ލަ ފުއެންޓޭގެ ކޯޗުކަމުގައި ޓޯކިޔޯ އޮލިމްޕިކްސްގައި ސްޕެއިނުގެ 23 އަހަރުން ދަށުގެ ޓީމުން ރިހި މެޑެލް ހާސިލްކުރިއިރު، އޭގެފަހުން 2022 ވަނަ އަހަރުގެ ތެރޭގައި ސީނިއާ ޓީމާ ހަވާލުވެ، ޖެހިގެންއައި އަހަރުގެ ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިދިނެވެ.

ޑި ލަ ފުއެންޓޭ އާއެކު ސްޕެއިނަށް ދެން އެންމެ އަވަހަށް ކުރިމަތީގައި އޮތް ބޮޑު މުބާރާތަކީ، އަންނަ އަހަރު އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕެވެ.

އެ މުބާރާތުގެ ކޮލިފައިންގައި ސްޕެއިން ކުޅެން ޖެހޭ ގްރޫޕު ކަށަވަރުވެގެންދާނީ ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލުގައި އެ ޓީމުން ނެދަލެންޑްސްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗަށްފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު