ENGLISH
19 އޭޕްރީލު 2025
ޕޮސްޓެކޮގްލޫ އަށް އަދިވެސް ލެވީގެ އިތުބާރު އެބައޮތް
28 ޖެނުއަރީ 2025
|
ޓޮޓްނަމްގެ ޗެއާމަން، ލެވީ (ކ) އާއި ކޯޗު، ޕޮސްޓެކޮގްލޫ. --ފޮޓޯ: ގެޓީ އިމޭޖަސް
ޓޮޓްނަމް ހޮޓްސްޕަރ މިހާރު އޮތް އުނދަގޫ ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ކޯޗު، އަންގޭ ޕޮސްޓެކޮގްލޫ އަށް އެ ކުލަބުގެ ޗެއާމަން، ޑެނިއަލް ލެވީ އިތުބާރުކުރާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ލެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ޓޮޓްނަމް ބަލިވުމާ ގުޅިގެން ކޯޗު، ޕޮސްޓެކޮގްލޫ އަށް އޮތް ޕްރެޝަރު ވަނީ އިންތިހާއަށް އިތުރުވެފައެވެ.
މި ވަގުތު ލީގުގެ 15 ވަނައިގައި އޮތް ޓޮޓްނަމް މިހާތަނަށް ކުޅުނު 23 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ. އެ ޓީމު ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް މޮޅުވެފައެއް ނުވެއެވެ. ހަ މެޗުން ބަލިވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފައެވެ.
ނަމަވެސް، މި ވަގުތަށް ޓޮޓްނަމްގެ ކޯޗުގެ މަގާމުން ޕޮސްޓެކޮގްލޫ ދުރުކުރުމުގެ ވިސްނުމެއް ލެވީ ނުގެންގުޅާ ކަމަށާއި، މި ވަގުތު އަނިޔާގައި ތިބި ކުޅުންތެރިން އެނބުރި އައިސް ޓީމަށް އެހީތެރިވެދީ، ސަލާމަތުގެ އައްސޭރިއަކަށް ދެވޭނެ ކަމަށް އުއްމީދުކުރާކަމަށް ވެސް އިނގިރޭސި ނޫސްތަކުން ބުނެއެވެ.
އަދި، ޕޮސްޓެކޮގްލޫ މަގާމުން ދުރު ކުރަން ބޭނުންވެއްޖެ ހާލަތެއްގައި ލެވީ އަށް ބަދަލުގައި ވަގުތުން ގެނެވޭނެ މާގިނަ އޮޕްޝަންތަކެއް ނެތް ކަމަށާއި، އެފަދަ ދަނޑިވަޅެއްގައި ހެޑް ކޯޗަކަށް ގެނައުން އެންމެ ގާތީ މިހާރުގެ ސީނިއަރ އެސިސްޓެންޓް ކޯޗު، މެޓް ވެލްސް އާއި އެސިސްޓެންޓް ކޯޗު، ރަޔާން މޭސަން ކަމަށް ވެސް މީޑިއާ ރިޕޯޓްތަކުގައިވެއެވެ. މީގެތެރެއިން، މޭސަން ވަނީ ކުރިން ދެފަހަރެއްގެ މަތިން އިންޓަރިމް ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.
ޓޮޓްނަމަށް ދެން އޮތީ ޔުއެފާ ޔުރޮޕާ ލީގުގެ ލީގު ފިޔަވަހީގެ ބުރުގެ އެންމެ ފަހު މެޗުގައި ސްވިޑެންގެ އެލްފްސްބޯގްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.