ENGLISH
19 އޭޕްރީލު 2025
ވްލަހޮވިޗް، މި ސީޒަނަށްފަހު ޔުވެންޓަސް ދޫކޮށްލަނީ: ރިޕޯޓް
28 ޖެނުއަރީ 2025
|
ޔުވެންޓަސްގެ ސާބިއާ ފޯވާޑް، ވްލަހޮވިޗް. --ފޮޓޯ: ގެޓީ އިމޭޖަސް
އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ސާބިއާގެ ފޯވާޑް، ޑޫސަން ވްލަހޮވިޗް، މި ސީޒަނަށް ފަހު އެ ކުލަބު ދޫކޮށްލަން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އެގޮތުން، އުމުރުން 25 އަހަރުގެ ވްލަހޮވިޗްގެ ބަދަލުގައި ޔުވެންޓަސް އިން ގެންނަން ޝޯޓްލިސްޓުކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ޖޯޝުއާ ޒާކްޒީ އާއި ވިކްޓަ އޮސިމެން ހިމެނޭކަމަށް އިޓަލީގެ ނޫސްތަކުން ބުނެއެވެ.
މީގެ ތިން އަހަރު ކުރިން، ޔުވެންޓަސް އިން ވްލަހަވޮޗް ގަތީ ބޯނަހާއެކު ފިއޮރެންޓީނާ އަށް 80 މިލިއަން ޔޫރޯ ދައްކަން އެއްބަސްވެގެންނެވެ. އޭނާ ވަނީ މިހާތަނަށް އައިއިރު ޔުވެންޓަސް އަށް ކުޅުނު 127 މެޗުގައި 53 ލަނޑު ޖަހައިދީފައެވެ. އެ ޓީމާއެކު މިދިޔަ އަހަރުގެ އިޓާލިއަން ކަޕް ކާމިޔާބުކުރިއެވެ.
މިދިޔަ އަހަރުގެ ސާބިއާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރި ވްލަހޮވިޗް ވަނީ ޤައުމީ ޓީމަށް މިހާތަނަށް ކުޅެދިން 32 މެޗުގައި 13 ލަނޑު ޖަހައިފައެވެ.
ފަހަކަށް އައިސް ޔުވެންޓަސްގެ ފުރަތަމަ އެގާރައިން ގަވާއިދުން ކުޅުމުގެ ފުރުޞަތު ނުލިބޭ ވްލަހޮވިޗް އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން ބާކީ 18 މަސްދުވަހަށް ވެފައިވާއިރު، އައު ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. މިއާއެކު، ބެލެވޭގޮތުގައި މި ސީޒަނަށްފަހު ވްލަހޮވިޗް އެ ކުލަބު ދޫކޮށްލާނެ އެވެ.
މި ހުރިހާ ސަބަބުތަކެއް މިހެން އޮތްއިރު، ޔުވެންޓަސް އިން ވަނީ ފޯވާޑްލައިން ވަރުގަދަކުރުމުގެ ގޮތުން ޕީއެސްޖީން ލޯނެއްގައި ފްރާންސްގެ ފޯވާޑް، ރެންޑަލް ކޯލޯ މުއާނީ ވެސް ގެނެސްފައެވެ.
އަދި، މި ޖަނަވަރީ މަހުގެ ޓްރާންސްފަރ ބާޒާރުގައި ޔުވެންޓަސް އިން ޑިމާންޑްކުރާ ވަރުގެ އަގެއް ހުށަހަޅައިފިނަމަ ވްލަހޮވިޗް ދޫކޮށްލަން ތައްޔާރަށް އޮތް ކަމަށް ވެސް އިޓަލީގެ ނޫސްތަކުން ބުނެއެވެ.