ENGLISH
19 އޭޕްރީލު 2025
އެންބީއޭ: ސެލްޓިކްސް އަތުން ވެސް ރޮކެޓްސް މޮޅުވެއްޖެ
28 ޖެނުއަރީ 2025
|
ސެލްޓިކްސްއާ ދެކޮޅަށް ރޮކެޓްސް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ
އެންބީއޭގައި މި ފަހަރުގެ ސީޒަނުގެ އެންމެ ހައިރާންކުރަނިވި ނަތީޖާތައް ނެރެމުން އަންނަ ހިއުސްޓަން ރޮކެޓްސް އިން އެންމެ ފަހުގެ ޗެމްޕިއަން، ބޮސްޓަން ސެލްޓިކްސް އަތުން ވެސް މޮޅުވެއްޖެއެވެ.
އެމެރިކާގެ ބޮސްޓަންގައި މިއަދު ކުޅުނު މެޗުން ރޮކެޓްސް މޮޅުވީ 114-112 އިންނެވެ.
މި މެޗަށް ނުކުތްއިރު ރޮކެޓްސް އިން ވަނީ މިދިޔަ ހަފްތާގައި ދެ ފަހަރެއްގެ މަތިން، އީސްޓަން ކޮންފަރެންސްގެ އެންމެ ކުރީގަ އުޅޭ ކްލީވްލެންޑް ކަވަލިއާސް ބަލިކޮށްފައެވެ.
ބޮސްޓަންގެ ޓީޑީ ގާޑެންގައި ކުޅުނު މެޗުގެ ފުރަތަމަ ކުއާޓަރގައި ރޮކެޓްސް އިން ހަތަރު ޕޮއިންޓްގެ ލީޑަކާއެކު، 31-27 އިން ކުރީގައި އޮވެގެން ނިންމާލިއިރު، ޖެހިގެން އައި ދެ ކުއާޓަރގައި 25-23 އަދި، 37-31 އިން ސެލްޓިކްސް ވަނީ ކުރި ހޯދައި، މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިފައެވެ. ނަމަވެސް، ރޮކެޓްސް އިން ވަނީ، މެޗުގެ ފަހު ކުއާޓަރގައި 29-23 އިން ކުރިހޯދައި، މެޗު ކާމިޔާބުކޮށްފައެވެ.
މެޗުގައި ރޮކެޓްސް މޮޅުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރީ އަމެން ތޯމްސަން ވަނީ 33 ޕޮއިންޓާއެކު، 10 ރީބައުންޑްނަގައި، ޑަބަލް-ޑަބަލްއެއް ފުރިހަމަކޮށްފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޑިލަން ބްރޫކްސް ވަނީ 36 ޕޮއިންޓް އެއްކޮށްފައެވެ.
ބޮސްޓަން އިން އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ޖޭލެން ބްރައުން އެވެ. އޭނާ ވަނީ 28 ޕޮއިންޓް އެއްކޮށްފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ ޖޭސަން ޓޭޓަމް އެވެ. ޓޭޓަމް ވަނީ 19 ޕޮއިންޓާއެކު، ހަތް އެސިސްޓް ހަދައި، ހަ ރީބައުންޑް ނަގައިފައެވެ.
މި މުބާރާތުގައި މިއަދު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ވޮޝިންގޓަން ވިޒަޑްސް އަތުން ޑަލާސް މޭވްރިކްސް މޮޅުވީ 130-108 އިންނެވެ. ޑެންވާ ނަގެޓްސް އަތުން ޝިކާގޯ ބުލްސް 129-121 އިން މޮޅުވިއިރު، ފީނިކްސް ސަންސް ވަނީ 111-109 އިން ލޮސް އެންޖެލިސް ކްލިޕާރސް ބަލިކޮށްފައެވެ.