ENGLISH

19 އޭޕްރީލު 2025

Advertisement

އެފްކޮން 2025: އައިވަރީ ކޯސްޓް އާއި ކެމަރޫން އެއް ގްރޫޕަކަށް

28 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

އެފްކޮން 2025 ގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ސީއޭއެފް

މި އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ގްރޫޕު ސްޓޭޖުގެ މަރުހަލާގައި އެންމެ ފަހުގެ ޗެމްޕިއަން، އައިވަރީ ކޯސްޓްއާ ކެމަރޫން އެއް ގްރޫޕެއްގައި ހިމެނިއްޖެއެވެ.

މޮރޮކޯގައި އަންނަ ޑިސެމްބަރު މަހު ފަށާ މުބާރާތުގެ ގްރޫޕް އެފްގައި ދެން ހިމެނެނީ؛ ގެބޯން އާއި މޮޒަމްބީކް އެވެ.

މި މުބާރާތުގެ ހުޅުވާ މެޗުގައި ހޯސްޓުން ކަމަށްވާ، މޮރޮކޯ ނުކުންނާނީ ކޮމޮރޯސްއާ ދެކޮޅަށެވެ.

އެންމެ ފަހުގެ ރަނަރަޕް، ނައިޖީރިއާ ހިމެނުނު ގްރޫޕް ސީގައި ދެން އޮތީ ޓިއުނީޝިއާގެ އިތުރުން ޔުގެންޑާ އާއި ޓެންޒޭނިއާ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ދެން އެންމެ ފާހަގަކޮށްލެވޭ ގްރޫޕް ބީގައި، އެފްރިކާގެ ދެކުނު ބިތުގައި ހިމެނޭ ގައުމުތައް ކަމަށްވާ، ދެކުނު އެފްރިކާ، އެންގޯލާ އާއި ޒިމްބާބުވޭ ހިމެނޭއިރު، މި ގްރޫޕުގައި ދެން އޮތީ މިސްރު އެވެ.

އަހުލީ ހަނގުރާމައިގެ ތެރެއިން ވެސް މި އަހަރުގެ މުބާރާތަށް ކޮލިފައިވީ ސޫދާން ހިމެނުނު ގްރޫޕް އީގައި ދެން އޮތީ އަލްޖީރިއާ އާއި އިކުއެޓޯރިއަލް ގިނީގެ އިތުރުން ބުރްކީނާ ފާސޯ އެވެ.

ދެހާސް ބާވީސް ވަނަ އަހަރުގެ ޗެމްޕިއަން، ސެނެގޯލް ހިމެނުނު ގްރޫޕް ޑީގައި ދެން އޮތީ، ޑީއާރް ކޮންގޯ، ބެނިން އާއި ބޮޓްސްވާނާ އެވެ.

މުބާރާތުގައި ވާދަކުރާ 24 ޓީމު ހަ ގްރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕެއްގެ އެއްވަނަ އަދި ދެވަނަ އަށް ދާ ޓީމުތަކުގެ އިތުރުން ތިންވަނަ މަގާމަށް ހޮވޭ އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމެއް ވެސް ނޮކްއައުޓް ބުރަށް ދަތުރުކުރާނެ އެވެ.

އަހަރުގެ ތެރޭގައި ބޭއްވޭ އެފްރިކާގެ އެންމެ ބޮޑު ކުޅިވަރުގެ އިވެންޓް އަންނަ ޑިސެމްބަރު މަހުގެ 21 އިން ޖަނަވަރީ 18، 2026 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މުބާރާތުގެ ގްރޫޕްތައް ބެހިފައިވާ ގޮތް:

ގްރޫޕް އޭ: މޮރޮކޯ، މާލީ، ޒެމްބިއާ، ކޮމޮރޯސް

ގްރޫޕް ބީ: މިސްރު، ދެކުނު އެފްރިކާ، އެންގޯލާ، ޒިމްބާބުވޭ

ގްރޫޕް ސީ: ނައިޖީރިއާ، ޓިއުނީޝިއާ، ޔުގެންޑާ، ޓެންޒޭނިއާ

ގްރޫޕް ޑީ: ސެނެގޯލް، ޑީއާރް ކޮންގޯ، ބެނިން، ބޮޓްސްވާނާ

ގްރޫޕް އީ: އަލްޖީރިއާ، ބުރްކީނާ ފާސޯ، އިކުއެޓޯރިއަލް ގިނީ، ސޫދާން

ގްރޫޕް އެފް: އައިވަރީ ކޯސްޓް، ކެމަރޫން، ގެބޯން، މޮޒަމްބީކް

ކިޔުންތެރިންގެ ހިޔާލު