ENGLISH

19 އޭޕްރީލު 2025

Advertisement

ވެސްޓް އިންޑީޒުން 34 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޕާކިސްތާންގައި ޓެސްޓް މެޗެއް ކާމިޔާބުކޮށްފި

27 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

މެޗަށްފަހު ދެ ޓީމުގެ ކެޕްޓަނުން ޓްރޮފީ އާއެކު. --ފޮޓޯ: ކްރިކްއިންފޯ

ދެވަނަ މެޗުގައި ޕާކިސްތާން ބަލިކޮށް ވެސްޓް އިންޑީޒުން 34 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެ ޤައުމުގައި ޓެސްޓް މެޗެއް ކާމިޔާބުކޮށް، ސީރީޒް 1-1 އިން އެއްވަރުކޮށްފިއެވެ.

ވެސްޓް އިންޑީޒުން އެންމެ ފަހުން ޕާކިސްތާންގައި ޓެސްޓް މެޗެއް ކާމިޔާބުކޮށްފައިވަނީ 1990 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފައިސަލްއާބާދުގައެވެ. އޭގެ ފަހުން 1997 އަދި 2006 ވަނަ އަހަރު ކުރި ދަތުރުތަކުގައި އެއްވެސް މެޗެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

މިއަދު ކުރިއަށްދިޔަ ތިންވަނަ ދުވަހުގެ ކުޅުމުގައި ވެސްޓް އިންޑީޒުން މެޗު ކާމިޔާބުކުރީ 120 ލަނޑުގެ ތަފާތަކުންނެވެ. މި ދެ ޓީމުގެ މެދުގައި ކުޅެވުނު ފުރަތަމަ މެޗުން ޕާކިސްތާން މޮޅުވީ 127 ލަނޑުންނެވެ.

މުލްތާންގައި ކުޅުނު ދެވަނަ މެޗުގެ ޓޮސް ދިމާވުމުން ވެސްޓް އިންޑީޒުން ކުޅެންއަރައި، ފުރަތަމަ އިނިންގްސްގައި 41.1 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 163 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 55 ލަނޑުހެދި ގުޑަކޭޝް މޯޓީ އެވެ. މި އިނިންގްސްގައި ޕާކިސްތާންގެ ނޮމާން އަލީ ހަ ވިކެޓްނެގިއެވެ.

ޕާކިސްތާނުން ފުރަތަމަ އިނިންގްސްގައި 47 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 154 ލަނޑަށެވެ. އެންމެ ރަނގަޅަށް ކުޅުނު ވިކެޓްކީޕަރު ބެޓްސްމަން، މުޙައްމަދު ރިޒުވާން 49 ލަނޑު ހެދިއެވެ. މި އިނިންގްސްގައި އެންމެ ރަނގަޅަށް އުކި ވެސްޓް އިންޑީޒްގެ ޖޮމެލް ވޮރިކާން ހަތަރު ވިކެޓް ނެގިއެވެ.

މެޗުގައި މޮޅު ކުޅުމެއްދެއްކި ވެސްޓް އިންޑީޒްގެ އުކުންތެރިޔާ، ވޮރިކާން. --ފޮޓޯ: ކްރިކްއިންފޯ

ވެސްޓް އިންޑީޒްގެ ދެވަނަ އިނިންގްސްގައި 66.1 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 244 ލަނޑު ހެދިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ކެޕްޓަން، ކްރެއިގް ބްރެތުވެއިޓް އެވެ. ބްރެތުވެއިޓް ވަނީ 52 ލަނޑު ހަދައިފައެވެ. މި އިނިންގްސްގައި ޕާކިސްތާންގެ ސާޖިދު ޚާން އާއި ނޮމާން އަލީ ކުރެން ކޮންމެ ކުޅުންތެރިއަކު ހަތަރު ވިކެޓް ނެގިއެވެ.

ޖަވާބުގައި ކުޅެންއެރި ޕާކިސްތާންގެ ދެވަނަ އިނިންގްސްގައި 44 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ އެންމެ 133 ލަނޑަށެވެ. މި އިނިންގްސްގައި ޕާކިސްތާންގެ ކުޅުންތެރިން ދަށް ސްކޯއަކަށް ނުބައިކޮށްލުމުގައި މުހިއްމު ދައުރެއް އަދާކުރި ވެސްޓް އިންޑީޒްގެ ވޮރިކާން ފަސް ވިކެޓް ނެގިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން ސީރީޒްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ވޮރިކާން އެވެ. އޭނާ ވަނީ ދެ މެޗުގެ ޓެސްޓް ސީރީޒްގައި މުޅިއެކު 19 ވިކެޓް ނަގައިފައެވެ.

މި މެޗުން ބަލިވި ޕާކިސްތާން ވަނީ ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕް ތާވަލުގެ ނުވަވަނަ އަށް ވެއްޓިފައެވެ. ވެސްޓް އިންޑީޒަށް ލިބުނީ އަށްވަނަ އެވެ.

އަންނަ ޖޫން މަހު ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، އޮސްޓްރޭލިއާ ނުކުންނާނީ ދެކުނު އެފްރިކާއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ އިންގްލެންޑުގެ ލޯޑްސް ގައެވެ.

ކިޔުންތެރިންގެ ހިޔާލު