ENGLISH
19 އޭޕްރީލު 2025
އިންޓަރ މޮޅުވެ، ލީގު ރޭހުގައި ކުރިއަށް
27 ޖެނުއަރީ 2025
|
ލެއްޗެއާ ދެކޮޅަށް އިންޓަރ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ
އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި ލެއްޗެ 0-4 އިން ބަލިކޮށް، އިންޓަރ މިލާނުން ތާވަލްގެ ކުރީގައި އުޅޭ ނަޕޯލީއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.
މި ނަތީޖާއާއެކު، އިންޓަރ މިލާން އަދިވެސް އުޅެނީ ދެވަނައިގައެވެ. އެންމެ ކުރީގައި އުޅޭ ނަޕޯލީއާ އިންޓަރއާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ފަރަގެކެވެ. ނަޕޯލީ އެއްވަނައިގައި އޮތީ 22 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި އޮތް އިންޓަރ އަށް 21 މެޗުން ލިބިފައިވަނީ 50 ޕޮއިންޓެވެ. ހަތަރު ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ އެޓަލާންޓާ އެވެ.
ލެއްޗެގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އިންޓަރގެ ލަނޑުތައް ޖަހައިދިނީ ޑެވިޑޭ ފްރަޓޭސީ، ލަޓާރޯ މާޓިނޭޒް، ޑެންޒެލް ޑަމްފްރީސް އާއި މެހްދީ ތަރޭމީ އެވެ.
ލީގުގައި ރޭ މިލާންގެ އަނެއް ޓީމު ކަމަށްވާ، އޭސީ މިލާނުން ވަނީ 3-2 ގެ ނަތީޖާއަކުން ޕާމާ ބަލިކޮށްފައެވެ. މި މެޗުން މިލާން މޮޅުވީ އިތުރު ވަގުތުގެ ތެރޭގައި ޖެހި ދެ ލަނޑުންނެވެ.
ރޭގެ މެޗުގައި މިލާންގެ ލަނޑުތައް ޖަހައިދިނީ ކްރިސްޓިއަން ޕުލިސިޗް، ޓިޖާނީ ރެއިންޑާސް އާއި ސެމުއެލް ޗުކްވުއެޒޭ އެވެ. ޕާމާގެ ލަނޑުތައް ޖަހައިދިނީ މަޓެއޯ ކަންސެލިއެރީ އާއި އެންރީކޯ ޑެލް ޕްރާޓޯ އެވެ.
މި މޮޅާއެކު، މިލާން ވަނީ ހަތްވަނަ އަށް ޖެހިލައިފައެވެ. އެ ޓީމަށް 21 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ރަށުން ބޭރުގައި އުދިނޭޒީ އަތުން އޭއެސް ރޯމާ މޮޅުވީ 1-2 އިންނެވެ.