ENGLISH
19 އޭޕްރީލު 2025
ބާސެލޯނާ އަތުން ވެލެންސިއާ އަށް ބޮޑު ލަދެއް
27 ޖެނުއަރީ 2025
|
ބާސެލޯނާ އަށް ލަނޑު ޖަހައިދިނުމަށްފަހު ލެވަންޑޯސްކީ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާ އިން 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވެލެންސިއާ ބަލިކޮށްފިއެވެ.
މި ނަތީޖާއާއެކު، ބާސެލޯނާ އުޅެނީ ތާވަލްގެ ތިންވަނައިގައެވެ. އެ ޓީމަށް 21 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ. މިއާއެކު، ބާސެލޯނާ ވަނީ ތާވަލްގެ ކުރީގަ އުޅޭ ވާދަވެރި ރެއާލް މެޑްރިޑާ ހަތް ޕޮއިންޓް ގާތަށް ޖެހިލައިފައެވެ. ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ.
ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ފާމިން ލޮޕޭޒް ދެ ގޯލްޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ފްރެންކޯ ޑި ޔޯން، ފެރާން ޓޮރޭޒް، ރަފީނިއާ އާއި ރޮބަޓް ލެވަންޑޯސްކީ އެވެ. ބާސެލޯނާގެ ފަހު ގޯލަކީ، ވެލެންސިއާގެ ޑިފެންޑަރު، ސެޒާ ޓަރޭގާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މެޗުގައި ވެލެންސިއާ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ ހޫގޯ ޑުރޯ އެވެ.
މި މެޗުން ބަލިވި ވެލެންސިއާ އޮތީ ތާވަލްގެ 19 ވަނައިގައެވެ. އެ ޓީމަށް ލިބިފައިވަނީ 21 މެޗުން 16 ޕޮއިންޓެވެ.
މި މުބާރާތުގައި ރޭ އެތުލެޓިކް ބިލްބާއޯ އާއި ލެގަނޭސް ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ރެއާލް ސޮސިއެޑާޑްގެ ދަނޑުގައި އެ ޓީމު އަތުން ގެޓަފޭ މޮޅުވީ 3-0 އިންނެވެ. ރަޔޯ ވަޔެކާނޯ އަތުން ޖިރޯނާ ބަލިވީ 2-1 އިންނެވެ.