ENGLISH
19 އޭޕްރީލު 2025
އެމްބާޕޭގެ ހެޓްރިކާއެކު ރެއާލްގެ ލީޑު ފުޅާކޮށްފި
26 ޖެނުއަރީ 2025
|
ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު އެމްބާޕޭ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ކީލިއަން އެމްބާޕޭ ވައްދާލި ހެޓްރިކާއެކު ރެއާލް ވަޔަޑޮލިޑް 3-0 އިން ބަލިކޮށް، ރެއާލް މެޑްރިޑުން ތާވަލްގެ ކުރީގައި ލީޑު ފުޅާކޮށްފިއެވެ.
މި ނަތީޖާއާ އެކު، ރެއާލް އެއްވަނައިގައި އުޅެނީ 21 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތްއިރު، 20 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ބާސެލޯނާ އެވެ. ހަތަރު ވަނައިގައި އޮތް އެތުލެޓިކް ބިލްބާއޯ އަށް ލިބިފައިވަނީ 20 މެޗުން 39 ޕޮއިންޓެވެ.
ވަޔަޑޮލިޑްގެ ދަނޑުގައި ރޭ ކުޅުނު ރެއާލްގެ ފުރަތަމަ ލަނޑު، 30 ވަނަ މިނެޓުގައި އެމްބާޕޭ ޖަހައިދިނީ ޖޫޑް ބެލިންހަމް ދިން ބޯޅައަކުންނެވެ. މި ގޯލާއެކު ރެއާލުން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައި އޮވެގެންނެވެ.
ރެއާލްގެ ދެވަނަ ލަނޑު، 56 ވަނަ މިނެޓުގައި ރޮޑްރީގޯ ދިން ޕާހަކުން އެމްބާޕޭ ކާމިޔާބުކުރިއިރު، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެމްބާޕޭ ވަނީ ލިބުނު ޕެނަލްޓީއަކުން ރެއާލްގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި އަމިއްލަ ދަނޑުގައި އެތުލެޓިކޯ ވަނީ 1-1 އިން ވިޔަރެއާލްއާ އެއްވަރުވެފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ވިޔަރެއާލަށް ލިބުނު ޕެނަލްޓީއަކުން ޖެރާޑް މޮރޭނޯ ލީޑު ނަގައިދީފައިވަނިކޮށް، ފަހު ހާފުގައި އެތުލެޓިކޯ އިން އެއްވަރުކުރީ ސެމުއެލް ލީނޯގެ ގޯލުންނެވެ.