ENGLISH
19 އޭޕްރީލު 2025
ރެއިމްސް އަތުން ޕީއެސްޖީ މޮޅެއް ނުވި
26 ޖެނުއަރީ 2025
|
ޕީއެސްޖީއާ ރެއިމްސް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީ 1-1 އިން ރެއިމްސްއާ އެއްވަރުވެއްޖެއެވެ.
މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ޕީއެސްޖީ އަށް މޮޅެއް ނުލިބި ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.
މި ނަތީޖާއާއެކު، އަދިވެސް އެއްވަނައިގައި އުޅެނީ ޕީއެސްޖީ އެވެ. ޕީއެސްޖީ އަށް 19 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި އުޅޭ އޮލިމްޕިކް މާސޭ އަށް 18 މެޗުން ލިބިފައިވަނީ 37 ޕޮއިންޓެވެ. ތިންވަނައިގައި އޮތް އޭއެސް މޮނާކޯ އަށް 19 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ.
ރޭގެ މެޗަށް ޕީއެސްޖީން ނުކުތީ ބަދަލުތަކާއެކު އެވެ. އެގޮތުން، އަނިޔާގެ ސަބަބުން ކެޕްޓަން، މާކީނޯސް އަށް ނުކުޅެވުނުއިރު، އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެމުންއަންނަ ވިޓީނިއާ އާއި ޔާއޯ ނެވޭސް އަދި ބްރެޑްލީ ބާކޯލާ މެޗު ފެށީ ބެންޗުންނެވެ. އެހެންނަމަވެސް، މި ޖަނަވަރީ މަހުގައި އިޓަލީގެ ނަޕޯލީން ގެނައި ޖޯޖިއާގެ ވިންގް، ކްވިޗާ ކްވަރަޝްކޭލިއާ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.
ޕެރިހުގައި ހުންނަ ޕާކް ޑެސް ޕްރިންސެސްގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެމިނެޓުގެ ތެރޭގައި ޕީއެސްޖީއަށް ލީޑު ނަގައިދިނީ އޮސްމާނޭ ޑެމްބެލޭ އެވެ. އޭގެފަހުން، މެޗުގެ 56 ވަނަ މިނެޓުގައި ރެއިމްސް އަށް އެއްވަރުކޮށްދިނީ ކެއިޓޯ ނަކަމޫރާ އެވެ.