ENGLISH

19 އޭޕްރީލު 2025

Advertisement

ނަޕޯލީ އިން ޔުވެންޓަސްގެ ރެކޯޑް ނިމުމަކަށް ގެނެސްފި

26 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ނަޕޯލީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި ޔުވެންޓަސް 2-1 އިން ބަލިކޮށް، ނަޕޯލީން އެ ޓީމުގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފިއެވެ.

މިއީ ލީގުގައި މިހާތަނަށް ކުޅުނު 22 މެޗުގެ ތެރެއިން ޔުވެންޓަސް ބަލިވި ފުރަތަމަ ފަހަރެވެ. އޭގެތެރެއިން 13 މެޗުން އެއްވަރުވިއިރު، 8 މެޗުން ވަނީ މޮޅުވެފައެވެ. މިއީ ލީގުގައި ނަޕޯލީ ހޯދި 17 ވަނަ މޮޅެވެ.

މި ނަތީޖާއާއެކު، ނަޕޯލީ އެއްވަނައިގައި އުޅެނީ 22 މެޗުން 53 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ދެ މެޗު މަދުން ކުޅެގެން އިންޓަރ މިލާނެވެ. ތިންވަނައިގައި އުޅޭ އެޓަލާންޓާ އަށް 22 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ.

ނަޕޯލީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނެޓަށްވެފައިވަނިކޮށް، ޔުވެންޓަސް އަށް ލީޑު ނަގައިދިނީ ރެންޑަލް ކޯލޯ މުއާނީ އެވެ. މިއީ ޖަނަވަރީ މަހުގެ ޓްރާންސްފަރ ބާޒާރުގައި އެ ޓީމަށް ބަދަލުވި ފަހުން ޔުވެންޓަސް އަށް އޭނާ ކުޅެދިން ފުރަތަމަ މެޗެވެ. މި ގޯލާއެކު ޔުވެންޓަސް އިން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 12 ވަރަކަށް މިނެޓުގެ ތެރޭގައި ނަޕޯލީން އެއްވަރުކުރީ ފްރޭންކް އަންގީސާ ވައްދާލި ލަނޑުންނެވެ. އޭގެފަހުން، މެޗުގެ 69 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބެލްޖިއަމްގެ ފޯވާޑް، ރޮމެލޫ ލުކާކޫ ވަނީ ނަޕޯލީ އަށް މޮޅު ކަށަވަރުކޮށްދީފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި އެޓަލާންޓާ ވަނީ ރަށުން ބޭރުގައި ކޯމޯ އަތުން 2-1 އިން މޮޅުވެފައެވެ. މި މެޗުގައި އެޓަލާންޓާގެ ދެލަނޑު ވެސް ޖަހައިދިނީ އިޓަލީގެ ފޯވާޑް، މަޓެއޯ ރެޓޭގީ އެވެ. ކޯމޯގެ ހަމައެކަނި ލަނޑު ޖަހައިދިނީ ނިކޯ ޕާޒް އެވެ.

ކިޔުންތެރިންގެ ހިޔާލު