ENGLISH
19 އޭޕްރީލު 2025
ބާސެލޯނާ މޮޅުނުވަނީ ފަރުވާ ބަހައްޓައިގެން ނުކުޅޭތީ: ކޯޗު ފްލިކް
26 ޖެނުއަރީ 2025
|
ބާސެލޯނާގެ ކޯޗު ފްލިކް ޓީމަށް އިރުޝާދުދެނީ
މޮޅުވާންޖެހޭ މެޗުތަކުގައި ބާސެލޯނާ އަށް ނަތީޖާ ނުނެރެވެނީ، ކުޅުންތެރިން ފަރުވާ ބަހައްޓައިގެން މެޗު ނިމެންދެން ނުކުޅޭތީ ކަމަށް އެޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.
ސްޕެނިޝް ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ބާސެލޯނާ މޮޅުވެފައެއް ނުވެ އެވެ. ލީގުގައި މިދިޔަ ހަފްތާގައި ގެޓާފޭއާ ދެކޮޅަށް ކުޅެ އެއްވަރުވީ 1-1 އިންނެވެ. އެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ގިނަ ހަމަލާތަކެއް ބާސެލޯނާ އުފެއްދި އެވެ.
ލީގުގައި ބާސެލޯނާ މި ވަގުތު އޮތީ 39 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ވާދަވެރި ރެއާލް މެޑްރިޑް ވަނީ 49 ޕޮއިންޓާ އެކު ލީގު އެއްވަނައިގައި ހަމަޖެހިލައިފަ އެވެ.
"ގެޓާފޭ މެޗުގައި އަހަރެމެން ގޯސް ހެދީ. ތިން ޕޮއިންޓާއެކު މެޗު ނިންމައެއް ނުލެވުނު. އެންމެ މޮޅަށް ޓީމަށް ނުކުޅެވުނު. ކުޅުންތެރިންގެ ސަމާލުކަން އެވަރަކަށް ނުލިބޭ. މިއީ ބަދަލުކުރަންޖެހޭ ކަންކަން. މެޗު ފެށިގެން ނިމެންދެން ކުޅުންތެރިންގެ ސަމާލުކަން ހުންނަންޖެހޭ،" ލީގުގައި ބާސެލޯނާ އިން ނެރެމުން އަންނަ ނަތީޖާތަކާ ގުޅޭގޮތުން ފްލިކް ބުންޏެވެ.
ލީގުގައި މޮޅެއް ނުހޯދި ދުވަސްތަކެއް ފާއިތުވި ނަމަވެސް ބާސެލޯނާ އިން ވަނީ މިދިޔަ ހަފްތާގައި ޔުއެފާ ޗެމްޕިއަންސް ލީގުގައި 4-5 އިން ބެންފީކާ ބަލިކޮށް އެ މުބާރާތުގެ ގަދަ 16 އިން ޖާގަ ކަށަވަރުކޮށްފަ އެވެ.
މޮޅުވާން މަޖުބޫރު މެޗުގައި ލީގުގައި ބާސެލޯނާ މިރޭ ދަންވަރު ނުކުންނާނީ 19 ވަނައިގައި އޮތް ވެލެންސިއާއާ ދެކޮޅަށެވެ. ރެލިގޭޝަނުގައި އޮތް ވެލެންސިއާ ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ބަލިވެފައެއް ނުވެ އެވެ.
ޗެމްޕިއަންސް ލީގު މެޗަށް ފަހު މިރޭ ވެލެންސިއާއާ ދެކޮޅަށް ނުކުންނައިރު ޓީމުން ބަދަލުތަކެއް ފެންނާނެ ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.