ENGLISH
19 އޭޕްރީލު 2025
ލިވަޕޫލާއި އާސެނަލް މޮޅުވިއިރު، ޗެލްސީ އަތުން ސިޓީ އަށް މުހިއްމު މޮޅެއް
26 ޖެނުއަރީ 2025
|
އިޕްސްވިޗާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި އާސެނަލް މޮޅުވިއިރު، ޗެލްސީއާ ދެކޮޅަށް މެންޗެސްޓަރ ސިޓީ އިން މުހިއްމު މޮޅެއް ހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި އިޕްސްވިޗް ޓައުން އަތުން ލިވަޕޫލް މޮޅުވީ 4-1 އިންނެވެ. ރަށުން ބޭރުގައި 1-0 އިން ވުލްވްސް އަތުން އާސެނަލް މޮޅުވިއިރު، ސިޓީގެ ދަނޑުގައި އެ ޓީމުން ވަނީ ފަހަތުން އަރައި 3-1 އިން ޗެލްސީ ބަލިކޮށްފައެވެ.
މި ނަތީޖާއާއެކު، ލިވަޕޫލް އެއްވަނައިގައި އުޅެނީ 22 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ. އާސެނަލް ދެވަނައިގައި އުޅެނީ 23 މެޗުން 47 ޕޮއިންޓް ހަމަކޮށްގެންނެވެ. ތިންވަނައިގައި އުޅޭ ނޮޓިންގހަމް ފޮރެސްޓަށް 23 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު، ތިން ޕޮއިންޓް ފަހަތުން ހަތަރު ވަނައިގައި އޮތީ މެންޗެސްޓަރ ސިޓީ އެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލް ޖަހައިދިނީ ކޯޑީ ގަކްޕޯ އެވެ. ލިވަޕޫލްގެ އަނެއް ދެލަނޑު ޖަހައިދިނީ މުޙައްމަދު ސަލާހު އާއި ޑޮމިނިކް ސޮބޯޒްލާއި އެވެ. އިޕްސްވިޗްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޖޭކޮބް ގްރީވްސް އެވެ.
ވުލްވްސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ޒުވާން ޑިފެންޑަރު، މައިލްސް ލުވިސް-ސްކެލީ އަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނުއިރު، ފަހު ހާފުގައި ވުލްވްސްގެ ޖާއޯ ގޯމޭސް އަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން ވެސް ފަހު 20 މިނެޓު ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 74 ވަނަ މިނެޓުގައި އާސެނަލަށް ކާމިޔާބުކޮށްދިނީ ރިކާޑޯ ކަލަފިއޯރީ އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގެ ކުރީކޮޅު ޗެލްސީގެ ނޮނީ މަޑުއެކޭގެ ގޯލުން އެ ޓީމު ލީޑު ނަގާފައިވަނިކޮށް، ފުރަތަމަ ހާފު ނިމެންދަނިކޮށް ޔޮޝްކޯ ގްވާޑިއޯލް ވަނީ ސިޓީ އަށް އެއްވަރުކޮށްދީފައެވެ. އޭގެފަހުން، ފަހު ހާފުގައި އާލިން ހާލަންޑް އާއި ފިލް ފޯޑެން ކާމިޔާބުކުރި ލަނޑުތަކާއެކު ސިޓީ ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
މި މެޗުން ބަލިވި ޗެލްސީ އޮތީ ތާވަލްގެ ހަވަނައިގައެވެ. އެ ޓީމަށް 23 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ.