ENGLISH

19 އޭޕްރީލު 2025

Advertisement

ޓީމުތަކުން ސިޓީ ދެކެ މިހާރު ބިރެއް ނުގަނޭ: ގާޑިއޯލާ

25 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ. --ފޮޓޯ: ގެޓީ އިމޭޖަސް

މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ ޓީމުތަކުން ޓެކްޓިކްސް ބަދަލުކޮށް، މިހާރު އެ ޓީމާ ދެކޮޅަށް ކުޅެން އެއްވެސް ވަރަކަށް ޖެހިލުން ނުވާ ކަމަށް ކޯޗު، ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ މިހެން ބުނީ، ޕްރިމިއަރ ލީގުގައި މިރޭ ޗެލްސީއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ގާޑިއޯލާގެ ވާހަކައިގައިވަނީ، ސިޓީއާ ދެކޮޅަށް އިދިކޮޅު ޓީމުތަކުން ނުކުންނަނީ ވަރަށް ފުރިހަމަ ގޭމް ޕްލޭންއަކާއެކު ކަމަށާއި، އެ ސަބަބުތަކާހުރެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ވެސް އޭނާގެ ޓީމަށް އިތުރަށް އުނދަގޫތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ފާހަގަކޮށްފައެވެ.

"ކޮންމެ ޓީމަކުން ވެސް މިހާރު އިއްތިހާދަށް އައިސް މެޗުގައި ތިބެނީ ފަހަތަށްޖެހިގެން،" ގާޑިއޯލާ ބުންޏެވެ.

އަދި، އޭނާ އަށް އެންމެ ބޮޑަށް ކުޅުންތެރިން މާރކް ކޮށްގެން ކުޅޭތަން ފެނުނީ ނީލް ވާނޮކްގެ އިރުޝާދުގެ ދަށުން ކުޅޭ ކާޑިފް ސިޓީ ކަމަށާއި، މިހާރު، ހުރިހާ އެންމެންވެސް ކުޅެނީ އެގޮތަށް ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފައެވެ.

އެހެންކަމުން، ގާޑިއޯލާ ބުނީ، ޗެމްޕިއަންސް ލީގުގައި ވެސް އަދި އެހެނިހެން މެޗުތަކުގައި ވެސް ކާމިޔާބު ހޯދަން ބޭނުންވާ ނަމަ، މިހާރަށްވުރެ ރަނގަޅަށް ސިޓީން ބޯޅައާއެކު ކުޅެން ޖެހޭނެ ކަމަށެވެ. އަދި، އެހެން އެކަން ނުކުރެވިއްޖެނަމަ އޭނާގެ ޓީމަށް ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރަށް ނުދެވިދާނެ ކަމަށް ވެސް ގާޑިއޯލާ ބުނެފައިވެއެވެ.

އެންމެ ފަހުން، ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ސިޓީ އަށް ވުރެ މޮޅަށް އެމީހުން ކުޅުނު ކަމަށާއި، އޭނާގެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ބޯޅަގެންގުޅޭ ވަގުތުތަކުގައި ރަނގަޅަށް ޕާސްނުކުރެވި، އެންމެ ރަނގަޅަށް ބޭނުންނުހިފި، ނަތީޖާ ނެރުމަށް މަސައްކަތް ނުކުރެވުން ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ، ހުނަރުވެރި ކުޅުންތެރިންތަކެއް އަލަށް ޓީމާ ގުޅުނު ނަމަވެސް އޭނާގެ ޓީމުން އެންމެ ރަނގަޅު ޕާސިންގ ގޭމެއް ކުޅެ، ބޯޅަ ގެންގުޅޭ ވަގުތުތަކުގައި ފުރިހަމައަށް އޭގެ ބޭނުން ހިފަައިގެން ކުޅުމަށް ސަމާލުކަންދޭން ޖެހޭނެ ކަމަށެވެ.

މިދިޔަ ހަތަރު އަހަރުގެ އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ސިޓީ އަށް ފަހަކަށް އައިސް އެންމެ ރަނގަޅު ކުޅުން ދެއްކޭ ގޮތްނުވެ، ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން ލީގު ރޭހުން ވެސް ވަނީ ބޭރުވެފައެވެ.

މި ހުރިހާ ސަބަބުތަކާހުރެ، ގާޑިއޯލާ ބުނީ، ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރެވުމަކީ މި ސީޒަނުގައި ސިޓީ އަށް ކުރިމަތިވި މައްސަލަތަކާއި، އެ ޓީމު އޮތް ހާލަތަށް ބަލާއިރު ކާމިޔާބީއެއްގެ ގޮތުގައި ބެލެވިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު