ENGLISH

19 އޭޕްރީލު 2025

Advertisement

ސަބަލެންކާ ބަލިކޮށް ކީސް ޗެމްޕިއަންކަން ހޯދައިފި

25 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ކީސް، އޮސްޓްރޭލިއަން އޯޕަން ޓްރޮފީ އާއެކު. --ފޮޓޯ: އޭބީސީ ނިއުސް

އޮސްޓްރޭލިއަން އޯޕަން އަންހެން ސިންގަލްސް ފައިނަލްގައި ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ، ބެލާރުސްގެ އަރީނާ ސަބަލެންކާ ބަލިކޮށް އެމެރިކާގެ މެޑިސަން ކީސް ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ އުމުރުން 29 އަހަރުގެ ކީސް ކާމިޔާބުކުރި ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެވެ. މިއާއެކު، ކީސް ވެފައިވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދި ހަތަރުވަނަ އަށް އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ.

މެލްބަންގެ ރޮޑް ލޭވާ އެރީނާގައި ކުޅުނު މި މެޗުން މުބާރާތުގެ 19 ވަނަ ސީޑު، ކީސް ކުރިހޯދީ 2-1 ސެޓުންނެވެ.

މި މެޗުގައި މުބާރާތުގެ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން، ސަބަލެންކާ އަށް ގިނަ ގޯސްތަކެއް ހެދިފައިވާއިރު، ކީސް ވަނީ ފުރަތަމަ ސެޓުގައި 20 މިނެޓުގެ ތެރޭގައި 5-1 އިން ލީޑު ނަގައިފައެވެ. އެއަށްފަހު، ފުރަތަމަ ސެޓު ކީސް ކާމިޔާބުކުރީ 6-3 އިންނެވެ.

ދެންޖެހިގެން އައި ދެވަނަ ސެޓުގައި ސަބަލެންކާ 6-2 އިން ކުރިހޯދި ނަމަވެސް، ނަތީޖާ ނެރުމަށް ކުޅެވުނު ފަހު ސެޓުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ކީސް ވަނީ ޓައިބްރޭކްގައި 7-5 އިން ކާމިޔާބުކޮށް، ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ތަށި އުފުލާލައިފައެވެ.

މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. އެ މެޗުގައި ދުނިޔޭގެ އެއްވަނަ، އިޓަލީގެ ޔަނިކް ސިނާ ނުކުންނާނީ ޖަރުމަންގެ އެލެގްޒެންޑާ ޒްވަރޭވްއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު