ENGLISH

19 އޭޕްރީލު 2025

Advertisement

ފޯވާޑެއް ގެންނަން އާސެނަލްއިން މަސައްކަތްކުރާ ކަމަށް އާޓެޓާ ބުނެފި

25 ޖެނުއަރީ 2025

|

ޢަލީ ޝަހީމް

އާޓެޓާ، އާސެނަލްގެ ސަކާއާ އެކު. އެޓީމުން އަންނަނީ ފޯވާޑެއް ގެނައުމުގެ މަސައްކަތް ކުރަމުން

ޖަނަވަރީ ޓްރާންސްފާ ބާޒާރުގައި ފޯވާޑެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފި އެވެ.

އާސެނަލްގެ އެޓޭކުގައި ބައިވެރިވާ ކުޅުންތެރިންގެ ތެރެއިން ބުކަޔޯ ސަކާ އާއި ގެބްރިއަލް ޖީސުސް މި ވަގުތު ތިބީ ދިގު މުއްދަތުގެ އަނިޔާގަ އެވެ. އެހެންވެ ޖަނަވަރީ ޓްރާންސްފާ ބާޒާރުގައި އެ ކްލަބަށް ފޯވާޑެއް މުހިއްމުވެ، އެ މަސައްކަތް އާސެނަލުން އަންނަނީ ކުރަމުންނެވެ.

އާޓެޓާ ބުނީ ފޯވާޑެއް ގެންނަން ހަރަކާތްތެރިކޮށް އުޅުނަސް، ބޭނުންވަނީ ޓީމު މިހާރު އޮތް ފެންވަރަށް ވުރެ މައްޗަށް ގެންދެވޭނެ ތަފާތެއް ގެނެވޭނެ ކުޅުންތެރިއަކު ކަމަށެވެ.

"ވަރަށް މުހިއްމު ދެކުޅުންތެރިން ތިބީ އަނިޔާގައި. ސަކާ އާއި ޖީސުސް ނެތި ޓީމު ވަނީ އިތުރަށް ނިކަމެތިވެފައި. ގެންނަ ކުޅުންތެރިއަކު އާސެނަލްގެ ފެންވަރު ރަނގަޅުކޮށްދޭން ޖެހޭނެ. ޓީމަށް ތަފާތެއް ގެނެވެން ޖެހޭނެ،" ފޯވާޑެއް ގެނައުމުގެ މަސައްކަތް ކުރަންތޯ ނޫސްވެރިއަކު އެހުމުން އާޓެޓާ ބުންޏެވެ.

ރިޕޯޓުތައް ބުނާގޮތުން އާސެނަލުން އަންނަނީ ޖަރުމަނުގެ އާރުބީ ލައިޕްޒިގަށް ކުޅެމުން އަންނަ ބެންޔަމިން ސެސްކޯ އާއި ވުލްވްސްގެ މެތިއުސް ކުންޔާ އަށް ފާރަލަމުންނެވެ. އެހެންނަމަވެސް އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން އާޓެޓާ ޖަވާބުދީފައެއް ނުވެ އެވެ.

އާސެނަލް އަންނަނީ ޖެހިޖެހިގެން ތިން ވަނަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމަށް ވާދަކުރަމުންނެވެ. އެކަމަކު މި ސީޒަނުގައި އާސެނަލަށް ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ މުހިއްމު ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވުމެވެ.

ލީގު ރޭހަށް ވާދަކުރިޔަސް އާސެނަލް ވަނީ އިނގިރޭސި އެފްއޭ ކަޕްގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެ ކަޓައިފަ އެވެ. އަދި އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ވަނީ 2-0 އިން ބަލިވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު