ENGLISH

19 އޭޕްރީލު 2025

Advertisement

ސިޓީގެ ވޯކާ، ލޯނެއްގައި މިލާން އަށް

25 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ވޯކާ، މިލާންގެ އެއްބަސްވުމުގައި ސޮއިކުރަނީ. --ފޮޓޯ: އޭސީ މިލާން

މެންޗެސްޓަރ ސިޓީގެ ކެޕްޓަން، ކައިލް ވޯކާ މި ސީޒަނުގެ ބާކީ އޮތް ބައިގައި ލޯން އެއްބަސްވުމެއްގެ ދަށުން އިޓަލީގެ އޭސީ މިލާނަށް ކުޅެން އެއްބަސްވެއްޖެއެވެ.

އުމުރުން 34 އަހަރުގެ ވޯކާ، މިލާނަށް ކުޅެން އެއްބަސްވެފައިވާކަން އެ ދެ ކުލަބުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

މިލާނުން ނެރުނު ބަޔާނުގައިވަނީ، އިނގިރޭސި ފުލްބެކް، ވޯކާ ލޯނެއްގެ ދަށުން އެ ކްލަބަށް ބަދަލުވެފައިވާއިރު ގާތްގަނޑަކަށް 5.24 މިލިއަން އެމެރިކާ ޑޮލަރު (4.2 މިލިއަން ޕައުންޑް) އަށް އެއްބަސްވުން ދާއިމީ ކުރުމުގެ އިޚްތިޔާރު ލިބިގެންވާ ކަމަށެވެ.

މީގެ އަށް އަހަރު ކުރިން، 2017 ގައި ޓޮޓްނަމް ހޮޓްސްޕަރ އިން ސިޓީ އަށް ބަދަލުވެ، މިހާތަނަށް އައިއިރު ވޯކާ ވަނީ އެ ޓީމަށް 319 މެޗު ކުޅެދީފައެވެ. ސިޓީއާ އެކު ވޯކާ ހަދާފައިވާ އެއްބަސްވުން 2023 ވަނަ އަހަރު އިތުރު ތިން އަހަރު ދުވަހަށް އާ ކޮށްފައިވާއިރު، މިހާރު އެ އެއްބަސްވުން ހަމަވާން ބާކީ އޮތީ އެންމެ 18 މަސްދުވަހެވެ.

ގާޑިއޯލާގެ އިރުޝާދުގެ ދަށުން ވޯކާ ވަނީ މުޅިއެކު 17 ޓްރޮފީ ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި، ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހަ ފަހަރު ކާމިޔާބުކޮށް، އެއް ފަަހަރު ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ވެސް އުފުލާލައިފައިވެއެވެ.

ވޯކާ، މިލާންގެ ޖާޒީ ދައްކާލަނީ. --ފޮޓޯ: އޭސީ މިލާން

މިހާތަނަށް އިނގިރޭސި ޤައުމީ ޓީމަށް ވެސް 93 މެޗު ކުޅެފައިވާ ވޯކާ ވަނީ، އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރަނަރަޕް ހޯދިއިރު އެ ޓީމާއެކު ރަނގަޅު ކުޅުމެއް ދައްކައިފައެވެ. މިއާއެކު، އެ މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ހަމައެކަނި އިނގިރޭސި ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

ވޯކާ އެންމެ ފަހުން ސިޓީ އަށް ކުޅުނު މެޗަކީ، މި ޖަނަވަރީ މަހުގެ 4 ވަނަ ދުވަހު ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗެވެ. އޭގެފަހުން، ޖަނަވަރީ 11 ގައި އެފްއޭ ކަޕްގައި ސަލްފޯޑް ސިޓީއާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ސްކޮޑުގައި ވެސް ވޯކާ ނުހިމެނެއެވެ.

ސިޓީގައި ވޯކާގެ މުސްތަގުބަލާ ގުޅޭގޮތުން އެ ޓީމުގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނީ، ބޭރު ޤައުމެއްގައި ކުޅުމުގެ ފުރުޞަތު ހޯދުމަށް ބޭނުންވާތީވެ، ވޯކާ އެ ކަމަށް އެދިފައިވާ ކަމަށެވެ.

ވޯކާ އަކީ މި ފަހަރުގެ ޓްރާންސްފަރ ބާޒާރުގައި ސިޓީ ދޫކޮށް އެހެން ކުލަބަކަށް ބަދަލުވި ފުރަތަމަ ކުޅުންތެރިޔާ އެވެ. މި ޖަނަވަރީ މަހުގެ ތެރޭގައި ސިޓީން ވަނީ މިސްރުގެ ފޯވާޑް، އުމަރު މާމޯޝް، ބްރެޒިލްގެ ޒުވާން ޑިފެންޑަރު، ވިޓޯ ރެއިސް އަދި އުޒްބެކިސްތާންގެ ޑިފެންޑަރު، އަބްދުކޮދީރު ކުސަނޯފް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު