ENGLISH
19 އޭޕްރީލު 2025
މިސްރުގެ ފޯވާޑް މާމޯޝް ސިޓީ އަށް ބަދަލުވެއްޖެ
23 ޖެނުއަރީ 2025
|
މާމޯޝް، ސިޓީ އަށް ބަދަލުވުމަށްފަހު ޖާޒީ ދައްކާލަނީ. --ފޮޓޯ: މެންޗެސްޓަރ ސިޓީ
ޖަރުމަނުގެ އެއިންޓްރަކް ފްރެންކްފާޓް ދޫކޮށް މިސްރުގެ ފޯވާޑް އުމަރު މާމޯޝް މެންޗެސްޓާ ސިޓީ އަށް ބަދަލުވެއްޖެ އެވެ.
ފަސް އަހަރާއި ބައިގެ މުއްދަތަކަށް މާމޯޝް ސިޓީ އަށް ބަދަލުވީ 72 މިލިއަން ޑޮލަރަށެވެ.
ރަނގަޅު ފޯމެއްގައި ހުރި ފޯވާޑް ވަނީ މި ސީޒަނުގެ ޖަރުމަނު ލީގުގައި ފްރެންފާޓަށް ކުޅުނު 17 މެޗުގައި 15 ގޯލު ޖަހައިފަ އެވެ.
"ސިޓީ އަކީ މިދިޔަ 10 އަހަރަށް ބަލާއިރު ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބް. އެހެންވެ އެ ކްލަބަށް ބަދަލުވުމަކީ ސުވާލެއް ވެސް އޮތްކަމެއް ނޫން،" ސިޓީ އަށް ބަދަލުވުމަށް ފަހު މާމޯޝް ބުންޏެވެ.
އުމުރުން މިހާރު 25 އަހަރުގެ މާމޯޝް ފުޓްބޯޅަ ކެރިއަރު 2016 ވަނަ އަހަރު ފެށީ މިސްރު ޕްރިމިއާ ލީގުގެ ވާޑީ ޑެގްލާ އިންނެވެ. ޔޫރަޕަށް މާމޯޝް ބަދަލުވީ 2020 ވަނަ އަހަރު ޖަރުމަނުގެ ކްލަބް ވުލްފްސްބާގަށެވެ. އޭގެފަހުން ލޯނު އުސޫލުން ޖަރުމަނުގެ އެސްޓީ ޕައުލީ އަދި ސްޓަޓްގާޓަށް ކުޅުމަށް ފަހު ފްރެންކްފާޓަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ.
މާމޯޝް، ސިޓީގެ އެއްބަސްވުމުގައި ސޮއިކުރަނީ. --ފޮޓޯ: މެންޗެސްޓަރ ސިޓީ
ފްރެންކްފާޓަށް ބަދަލުވެ މިހާތަނަށް ކުޅުނު 67 މެޗުގައި މާމޯޝް ވަނީ 37 ގޯލު ޖަހައި، 20 ލަނޑު ޖަހަން އެހީތެރިވެފަ އެވެ.
މިސްރުގެ ގައުމީ ޓީމުން 2021 ވަނަ އަހަރު ޖާގަ ހޯދައި މާމޯޝް ވަނީ، 35 މެޗުގައި ހަ ގޯލު ޖަހައިދީފަ އެވެ.
މާމޯޝް އަކީ ޖަނަވަރީ ޓްރާންސްފާ ބާޒާރުގައި ސިޓީން ގެނައި ތިންވަނަ ކުޅުންތެރިޔާ އެވެ. ސިޓީ އަށް ދެން ގެނައީ ބްރެޒިލްގެ 19 އަހަރުގެ ޑިފެންޑަރު ވިޓޯ ރެއިސް އާއި އުޒްބެކިސްތާނުގެ ޑިފެންޑަރު އަބްދުކޮދީރު ކުސަނޯފް އެވެ.
އާ ކުޅުންތެރިން ގެނައުމުގެ އިތުރުން، ސިޓީން ވަނީ އެޓީމުގެ އެއްވަނަ ފޯވާޑް އާލިން ބްރައުޓް ހާލަންޑްގެ އެއްބަސްވުން އާކޮށްފަ އެވެ. ހާލަންޑް، އެ ކުލަބުގެ އެއްބަސްވުން އާކުރީ ނުވަ އަހަރާއި ބައިގެ މުއްދަތަކަށެވެ.
ސިޓީއާ އަލަށް ގުޅުނު މާމޯޝްގެ ފުރަތަމަ މެޗަކަށް ވާނީ އަންނަ ހަފްތާ ބަންދުގައި ޕްރިމިއާ ލީގުގައި އެ ޓީމުން ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗެވެ.