ENGLISH
19 އޭޕްރީލު 2025
މިލާންގެ ދެ ޓީމު މޮޅުވިއިރު، ފެޔަނޫޑް އަތުން ބަޔާން ބަލިވެއްޖެ
23 ޖެނުއަރީ 2025
|
އިންޓަރ އަށް ލަނޑު ޖަހައިދިނުމަށްފަހު މާޓިނޭޒް އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އިޓަލީގެ މިލާނަށް ނިސްބަތްވާ ދެ ޓީމު މޮޅުވިއިރު، ނެދަލެންޑްސްގެ ފެޔަނޫޑް އަތުން ޖަރުމަނުގެ ބަޔާން މިއުނިކް ބަލިވެއްޖެއެވެ.
ޗެކް ރިޕަބްލިކްގައި ރޭ ކުޅުނު މެޗުގައި އިންޓަރ މިލާނުން ވަނީ 1-0 އިން ސްޕާޓާ ޕްރާގް ބަލިކޮށްފައެވެ. މި މެޗުގައި އިންޓަރގެ ހަމައެކަނި ލަނޑު ޖަހައިދިނީ ކެޕްޓަން، ލަޓާރޯ މާޓިނޭޒް އެވެ.
މި ނަތީޖާއާއެކު، އިންޓަރ ވަނީ ޗެމްޕިއަންސް ލީގުގެ ލީގު ފިޔަވަހީގެ ބުރުގެ ތާވަލްގެ ހަތަރުވަނަ އަށް ޖެހިލައިފައެވެ. އެ ޓީމަށް ހަތް މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. އެއް ޕޮއިންޓް ފަހަތުން ފަސްވަނައިގައި އޮތީ އޭސީ މިލާނެވެ. މިއާއެކު، މި ދެ ޓީމު ވެސް މުބާރާތުގެ ގަދަ އަށެއްގެ ތެރޭގައި ހިމެނުމާ ގާތަށް ވަނީ ޖެހިލައިފައެވެ.
މި މުބާރާތުގައި ރޭ އޭސީ މިލާންގެ ދަނޑުގައި އެ ޓީމުން ސްޕެއިނުގެ ޖިރޯނާ ބަލިކުރީ ވެސް 1-0 އިންނެވެ. ފުރަތަމަ ހާފު ނިމެންދަނިކޮށް މިލާންގެ ލަނޑު ޖަހައިދިނީ ޕޯޗުގީޒް ފޯވާޑް، ރަފައެލް ލެއާއޯ އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދާފައިވާ ބަޔާންގެ މައްޗަށް ފެޔަނޫޑުން 3-0 އިން ކުރިހޯދިއިރު، އެ ޓީމުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ޖަހައިދިނީ މެކްސިކޯގެ ފޯވާޑް، ސަންޓިއާގޯ ގިމެނޭޒް އެވެ. އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ ޖަޕާނުގެ އަޔާސޭ ޔުއެޑާ އެވެ.
އަމިއްލަ ދަނޑުގައި ޖަރުމަނުގެ އާރްބީ ލީޕްޒިގުން ވަނީ 2-1 އިން ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން ބަލިކޮށްފައެވެ. މި މެޗުގައި ލީޕްޒިގުގެ ލަނޑުތައް ޖަހައިދިނީ ބެންޖަމިން ސެޝްކޯ އާއި ޔޫސުފް ޕޯލްސެން އެވެ. ސްޕޯޓިންގެ ހަމައެކަނި ލަނޑުޖެހީ ސްވިޑެންގެ ފޯވާޑް، ވިކްޓޯ ޔޮކެރޭޝް އެވެ.