ENGLISH

19 އޭޕްރީލު 2025

Advertisement

އާސެނަލް މޮޅުވެ، ގަދަ 16 އާ ގާތަށް، ރެއާލާއި ޕީއެސްޖީ އަށް މުހިއްމު މޮޅެއް

23 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ޑިނަމޯ ޒަގްރެބްއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބް 3-0 އިން ބަލިކޮށް އާސެނަލް އެ މުބާރާތުގެ ގަދަ 16 ގެ ބުރުން ސީދާ ޖާގައެއެް ހޯދުމާ ގާތަށް ޖެހިލައިފިއެވެ.

މި ނަތީޖާއާއެކު، އާސެނަލް އޮތީ ލީގު ފިޔަވަހީގެ ބުރުގެ ތިންވަނައިގައެވެ. އެ ޓީމަށް ހަތް މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. އެންމެ ކުރީގައި އުޅޭ ލިވަޕޫލަށް ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އަނެއް ބުރުން އޮޓޮމެޓިކް ޖާގައެއް ލިބިފައިވާއިރު، ދެވަނައިގައި ހަތް މެޗުން 18 ޕޮއިންޓާއެކު ބާސެލޯނާ ވަނީ މުބާރާތުގެ ގަދަ އަށެއްގެ ޖާގަ ކަށަވަރުކޮށްފައެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އާސެނަލްގެ ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކުރީ ފަހު ހާފުގައެވެ. އާސެނަލްގެ ލަނޑުތައް ޖަހައިދިނީ ޑެކްލަން ރައިސް، ކައި ހަވާޓްޒް އާއި މާޓިން އޮޑެގާޑް އެވެ.

މި މެޗުން ބަލިވި ޑިނަމޯ ޒަގްރެބް އުޅެނީ ތާވަލްގެ 26 ވަނައިގައެވެ. އެ ޓީމަށް 7 މެޗުން ލިބިފައިވަނީ 8 ޕޮއިންޓެވެ. މިއާއެކު، ޕްލޭ-އޮފް ބުރުން ޖާގަ ހޯދުމަށް ބާކީ އޮތް މެޗުން މޮޅުވާންޖެހެއެވެ.

ސިޓީ ކޮޅަށް ލަނޑުޖެހުމަށްފަހު ޕީއެސްޖީގެ ބާކޯލާ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، ސްޕެއިނުގެ ރެއާލް މެޑްރިޑުން ވަނީ 5-1 ގެ ނަތީޖާއަކުން އޮސްޓްރިއާގެ އާރްބީ ސަލްޒްބާގް ބަލިކޮށްފައެވެ. 

މި މެޗުގައި ރެއާލްގެ ބްރެޒިލް ކުޅުންތެރިން ކަމަށްވާ، ވިނީޝިއުސް ޖޫނިއާ އާއި ރޮޑްރީގޯ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ގޯލްޖެހިއެވެ. އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ ކީލިއަން އެމްބާޕޭ އެވެ. ސަލްޒްބާގްގެ ހަމައެކަނި ލަނޑު ޖަހައިދިނީ މެޑްސް ބިޑްސްޓްރުޕް އެވެ.

އަމިއްލަ ދަނޑުގައި ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓަރ ސިޓީ ބަލިކޮށްފައެވެ. މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު، ސިޓީގެ ޖެކް ގްރީލިޝް އާއި އާލިން ހާލަންޑްގެ ލަނޑުތަކުން ލީޑު ނަގާފައި ވަނިކޮށް، ފަހަތުން އަރައި ޕީއެސްޖީ މޮޅުކޮށްދިނީ އޮސްމާނޭ ޑެމްބެލޭ، ބްރެޑްލީ ބާކޯލާ، ޔާއޯ ނެވޭސް އާއި ގޮންސާލޯ ރާމޯސް ޖެހިގޯލުތަކުންނެވެ.

ސެލްޓިކްގެ ދަނޑުގައި އެ ޓީމުން 1-0 އިން ސްވިޒަލެންޑްގެ ޔަންގް ބޯއީސް ބަލިކުރިއިރު، ޝަހުތަރު ޑޮނެސްކް ވަނީ 2-0 އިން ފްރާންސްގެ ބްރެސްޓް އަތުން މޮޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު