ENGLISH
06 ޖޫން 2025
ގަދަ އަށެއްގެ ތެރޭގައި ހިމެނުމަށް ބަޔާނުން ހަ މެޗު ކާމިޔާބުކުރަންޖެހޭ: ކޮމްޕެނީ
22 ޖެނުއަރީ 2025
|
ބަޔާންގެ ކޯޗު، ކޮމްޕެނީ. --ފޮޓޯ: ގެޓީ އިމޭޖަސް
ބަޔާން މިއުނިކުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ އަށެއްގައި ހިމެނުމަށް މިރޭގެ މެޗު ހިމެނޭގޮތަށް، ފަހު ދެ މެޗު ކާމިޔާބުކުރުމަށް އަމާޒުހިފާފައިވާ ކަމަށް އެ ކުލަބުގެ ކޯޗު، ވިންސެންޓް ކޮމްޕެނީ ބުނެފިއެވެ.
ކޮމްޕެނީ މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޖަރުމަނުގެ ލީގު ރޭހުގެ އެންމެ ކުރީގައި އުޅޭ ބަޔާނުން މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކުރިއިރު، ދެ މެޗުން ވަނީ ބަލިވެފައެވެ.
ކުރިން ކުޅެމުން އައި ގްރޫޕް ސްޓޭޖުގެ ބަދަލުގައި މި އަހަރުގެ މުބާރާތުގައި މުޅިން އާ ފޯމެޓަކަށް ލީގު ފިޔަވަހީގެ ބުރެއް ކުޅެވިގެންދާއިރު، ކޮމްޕެނީ މިހާރު އެ މުބާރާތް ކުޅެވިގެންދާގޮތުން ކުދި އަދި ބޮޑެތި މެޗުތަކެކޭ ބުނެ ތަފާތު ކުރެވެން ނެތް ކަމަށެވެ.
އެހެންކަމުން، މިރޭ ރަށުން ބޭރުގައި ފެޔަނޫޑާ ދެކޮޅަށް ކުޅެން އޮތް މެޗަށް ބަޔާނުން ވަރަށް ބޮޑަށް ސަމާލުކަން ދޭނެ ކަމަށް ކޮމްޕެނީ ބުންޏެވެ.
ބަޔާންގެ މުސިއާލާ (ކ) ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް
ކޮމްޕެނީގެ ވާހަކައިގައި ވަނީ، މިހާރު އެ މުބާރާތް ކުޅެމުން އަންނަ އައު ފޯމެޓަކީ ވަރަށް މަޖާ، އަދި އެހާ ގަޔާވާ ފޯމެޓެއް ކަމަށާއި، އެ ފޯމެޓަށް ފާޑުކިޔުމަށް ބޭނުންނުވާ ކަމަށް ބުނެފައެވެ. އަދި، އޭނާގެ ކުލަބު އޮތީ ތާވަލްގެ ކިހާ ހިސާބެއްގައި ކަމެއް ވެސް އޭނާ ނުބަލާ ކަމަށް ވެސް ކޮމްޕެނީ ވަނީ ބުނެފައެވެ.
އެހެންނަމަވެސް، އޭނާ އަށް އެނގޭހާ ވެސް ކަމަކީ، ގަދަ އަށެއްގެ ތެރޭގައި ހިމެނި، އަނެއް ބުރުން އޮޓޮމެޓިކް ޖާގައެއް ލިބެން އޮތް ހަމައެކަނި ގޮތަކީ ހަ މެޗުން ކާމިޔާބުކުރުން ކަމަށެވެ. މުޅިއެކު ތިން މެޗުން މޮޅުވެއްޖެނަމަ ޕްލޭ-އޮފް ބުރުން ޖާގަ ލިބޭނެ ކަމަށް ވެސް ކޮމްޕެނީ ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނައިރު ކޮމްޕެނީ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އަނިޔާ އަދި ހުމާއި ރޯގާގެ ސަބަބުން މިދިޔަ މެޗުތަކުގައި އެންމެ ފުރިހަމަ އަށް ބައިވެރިނުވެވުނު ބައެއް ކުޅުންތެރިން އެނބުރި ޓީމާ ގުޅިފައިވުމެވެ. އޭގެތެރޭގައި، ބަޔާން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖަމާލް މުސިއާލާ ހިމެނެއެވެ.
މިހާތަނަށް ޗެމްޕިއަންސް ލީގުގެ ތަށި ހަ ފަހަރު ކާމިޔާބުކޮށްފައިވާ ބަޔާން މި ވަގުތު އުޅެނީ ލީގު ފިޔަވަހީގެ ބުރުގެ ތާވަލްގެ 12 ވަނައިގައެވެ. އެ ޓީމަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. މި އަހަރުގެ މުބާރާތް ރޭވިފައިވާ ގޮތުން ގަދަ 8 ޓީމަށް ދެވަނަ ބުރުން ސީދާ ޖާގައެއް ލިބިގެންދާއިރު، ބާކީ އަށް ޖާގަ ކަށަވަރުވާނީ ދެން އޮތް 16 ޓީމުގެ މެދުގައި ކުޅެވިގެންދާ ޕްލޭ-އޮފް ބުރުގެ މެޗުތަކަށް ފަހު އެވެ.