ENGLISH
06 ޖޫން 2025
ޑޯޓްމުންޑްގެ ކޯޗުގެ މަގާމުން ނޫރީ ސާހިން ވަކިކޮށްފި
22 ޖެނުއަރީ 2025
|
ޑޯޓްމުންޑްގެ ކުރީގެ ކޯޗު، ނޫރީ ޝާހިން. --ފޮޓޯ:
ޔުއެފާ ޗެމްޕިއަންސް ލީގުގައި ބޮލޯނިއާ އަތުން 2-1 އިން ބަލިވި މެޗަށް ފަހު ބޮރޫޝިއާ ޑޯޓްމުންޑްގެ ކޯޗުގެ މަގާމުން ނޫރީ ސާހިން ވަކިކޮށްފިއެވެ.
އުމުރުން 36 އަހަރުގެ ސާހިންގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޑޯޓްމުންޑް ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ބަލިވެފައެވެ. އެ ޓީމުން ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވީ ވެސް އެންމެ މެޗަކުންނެވެ.
ޑޯޓްމުންޑްގެ ކޯޗުގެ މަގާމަށް ސާހިން ހަމަޖެއްސީ، ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފަހު، އޭރުގެ ކޯޗު، އެޑިން ޓާޒިޗް މަގާމު ދޫކޮށްލުމުންނެވެ.
ޑޯޓްމުންޑްގެ ސްޕޯޓިންގ ޑައިރެކްޓަރު، ލާސް ރިކެން ބުނީ، އެ ކުލަބާއެކު ނޫރީ ސާހިން ކޮށްފައިވާ މަސައްކަތްތައް ފުރިހަމަ އަށް އަގުވަޒަންކުރާ ކަމަށާއި، ދިގު މުއްދަތަކަށް އެ ޓީމާއެކު ދެމިހުންނާނެ ކަމަށް ކުރިން އުއްމީދުކުރި ކަމަށެވެ.
ކޯޗުގެ މަގާމުން ސާހިން ދުރުކުރުމަށް ނިންމި ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި، ބޮލޯނިއާ މެޗަށްފަހު އެހެން އެގޮތަށް ނިންމަށް މަޖުބޫރުވީ ކަމަށް ވެސް ރިކެން ބުނެފައިވެއެވެ.
މީގެކުރިން، ކުޅުންތެރިއެއްގެ ގޮތުގައި ދެ ފަހަރެއްގެ މަތިން ޑޯޓްމުންޑަށް ކުޅެފައިވާ ސާހިން ބުނީ، ޑޯޓްމުންޑްއާ އެކު ހާސިލްކުރަން ބޭނުންވި ކަންތައްތަކާ ހަމައަށް ވާސިލްވެވޭ ގޮތްނުވުމުން ހިތާމަކުރާ ކަމަށެވެ.
އަދި، ޑޯޓްމުންޑަށް އަބަދުވެސް ހެޔޮ އެދުމާއެކު، އެންމެ ރަނގަޅު ގޮތްވުމަށް އެދޭ ކަމަށް ވެސް ސާހިން ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި ރޭގެ ބަލިވުމަކީ މި ފަހަރުގެ ސީޒަނުގައި އެ މުބާރާތުން ޑޯޓްމުންޑް ބަލިވި ތިންވަނަ ބައްޔެވެ. އެންމެ ފަހުގެ މުބާރާތުގެ ރަނަރަޕް މަގާމު ހާސިލްކުރި ޑޯޓްމުންޑް މިވަގުތު އޮތީ ލީގު ފިޔަވަހީގެ ބުރުގެ 13 ވަނައިގައެވެ. މިހާތަނަށް ކުޅުނު ހަތް މެޗުން އެ ޓީމަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. މިއާއެކު، މުބާރާތުގެ ގަދަ 16 ގެ ބުރުން ޖާގަ ހޯދުމަށްޓަކައި ބާކީ އޮތް މެޗުގައި ޔޫކްރޭންގެ ޝަހުތަރު ޑޮނެސްކް ބަލިކުރަންޖެހެއެވެ.
މީގެއިތުރުން، ޖަރުމަން ލީގުގައި ވެސް އެ ޓީމުން މި އަހަރު ފެށުނު ފަހުން ކުޅުނު ތިން މެޗުން ބަލިވެފައިވާއިރު، މިވަގުތު އުޅެނީ ތާވަލްގެ 10 ވަނައިގައެވެ. އަދި، ގަދަ 4 ގެ ރޭހުގައި ހިމެނޭ ޓީމުތަކާ ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އެހެންކަމުން، އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ފުރުޞަތު ހޯދުމަށްޓަކައި ނަތީޖާތައް މިހާރަށްވުރެ ރަނގަޅު ކުރަން ޖެހޭނެއެވެ.