ENGLISH

19 އޭޕްރީލު 2025

Advertisement

ބޮޑު މެޗުގައި އަލްކަރާޒް ބަލިކޮށް، ޖޮކޮވިޗް ސެމީ އަށް

22 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ޖޮކޮވިޗް (ކ) އާއި އަލްކަރާޒް ބައްދަލުކުރި މެޗަށްފަހު ދެ ކުޅުންތެރިން ސަލާންކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

އޮސްޓްރޭލިއަން އޯޕަންގެ ކުއާޓަރ ފައިނަލްގައި ސްޕެއިންގެ ކާލޯސް އަލްކަރާޒް ބަލިކޮށް، ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ، ސާބިއާގެ ނޮވަކް ޖޮކޮވިޗް އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މެލްބަންގެ ރޮޑް ލޭވާ އެރީނާގައި އިއްޔެ ކުޅުނު މި މެޗުން ހަތްވަނަ ސީޑް، ޖޮކޮވިޗް މޮޅުވީ ފަހަތުން އަރައި، 3-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި މުބާރާތުގައި ތިންވަނަ އަށް ސީޑުކޮށްފައިވާ، އަލްކަރާޒް ވަނީ 6-4 އިން ކުރިހޯދާފައެވެ. އެހެންނަމަވެސް، ޖޮކޮވިޗް ވަނީ ދެން ކުޅެވުނު ތިން ސެޓުގައި 6-4، 6-3، އަދި 6-4 އިން ކުރިހޯދައި، މެޗު ކާމިޔާބުކޮށްފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޖޮކޮވިޗް ބުނީ، އަލްކަރާޒްއާ ދެކޮޅަށް ކުޅުނު މެޗަކީ މި އަހަރުގެ މުބާރާތުގައި މިހާތަނަށް ފެނިގެންދިޔަ ފިރިހެން ސިންގަލްސް އެންމެ މޮޅު މެޗަށްވުން ގާތް ކަމަށެވެ.

އޮސްޓްރޭލިއަން އޯޕަންގައި ޖޮކޮވިޗް ކުޅެނީ. --ފޮޓޯ: އޭއެފްޕީ / ގެޓީ އިމޭޖަސް

"އަހަރެންނަށް ހީވީ މިއީ ގްރޭންޑް ސްލޭމް ފައިނަލެއް ހެން، އެ ކަހަލަ އިހުސާސެއް ކުރެވުނު. މޮޅުވުމަށް ދެމީހުން ވެސް މަސައްކަތްކުރީ އެ ވިސްނުމުގައި،" ޖޮކޮވިޗް ބުންޏެވެ.

މެޗަށްފަހު އަލްކަރާޒް ބުނީ، ޖޮކޮވިޗްގެ ފަރާތުން ފެނުނު މޮޅު ކުޅުމުގެ ސަބަބުން އޭނާ އަށް އުނދަގޫތައް ކުރިމަތިވި ކަމަށެވެ. އަދި، އެ މެޗު ދިޔައީ ވަރަށް ވާދަވެރިކޮށް ކަމަށް ވެސް އަލްކަރާޒް ވަނީ ބުނެފައެވެ.

މި މުބާރާތުގެ ސެމީގައި ޖޮކޮވިޗް ނުކުންނާނީ ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އުޅޭ ޖަރުމަންގެ އަލެކްސެންޑާ ޒްވަރޭވްއާ ދެކޮޅަށެވެ. ޒްވަރޭވް ވަނީ އިއްޔެ ކުޅުނު ކުއާޓަރގެ އަނެއް މެޗުގައި އެމެރިކާގެ ޓޮމީ ޕޯލްގެ މައްޗަށް 7-6، 7-6، އާއި 6-2، އަދި 6-1 އިން ކުރިހޯދާފައެވެ.

ސެމީގައި ޖޮކޮވިޗާ ޒްވަރޭވް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު