ENGLISH

19 އޭޕްރީލު 2025

Advertisement

އެޓަލާންޓާ އަށް ބޮޑު މޮޅެއް، އެތުލެޓިކޯ މޮޅުވިއިރު ޔުވެންޓަސް ވީ އެއްވަރު

22 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

އެތުލެޓިކޯ އަށް ލަނޑު ޖަހައިދިނުމަށްފަހު އަލްވަރޭޒް އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެޓަލާންޓާ އާއި އެތުލެޓިކޯ މެޑްރިޑް މޮޅުވިއިރު، ޔުވެންޓަސް އެއްވަރުވެއްޖެއެވެ.

މި ނަތީޖާއާއެކު، އެތުލެޓިކޯ އުޅެނީ ލީގު ފިޔަވަހީގެ ބުރުގެ ތިންވަނައިގައެވެ. އެ ޓީމަށް ހަތް މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ. އެއް ޕޮއިންޓް ފަހަތުން އެޓަލާންޓާ ހަތަރެއްގައި އޮތްއިރު، ޔުވެންޓަސް އުޅެނީ 14 ވަނައިގައެވެ. ޔުވެންޓަސް އަށް ހަތް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.

އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބަޔާ ލެވަކޫސަން އަތުން އެ ޓީމު މޮޅުވީ 2-1 އިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ލެވަކޫސަނުން ލީޑު ނެގީ ޕިއެރޯ ހިންކާޕީގެ ގޯލުންނެވެ. އޭގެކުރީން، މެޗުގެ 25 ވަނަ މިނެޓުގައި އެތުލެޓިކޯގެ މިޑްފީލްޑަރު، ޕަބްލޯ ބެރިއޯސް އަށް ސީދާ ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ. ބެރިއޯސް އަށް ރަތް ކާޑު ދެއްކީ ލެވަކޫސަންގެ ޖެރެމީ ފްރިމްޕޮންގް އަށް ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، އެތުލެޓިކޯ އަށް އެއްވަރުކޮށްދިނި އާޖެންޓީނާ ފޯވާޑް، ހޫލިއަން އަލްވަރޭޒް އެވެ. މެޗުގެ 52 ވަނަ މިނެޓުގައި އަލްވަރޭޒް މި ލަނޑުޖެހީ އެންޓޮއިން ގްރީޒްމަން ދިން ބޯޅައަކުންނެވެ.

މެޗުގައި ލަނޑުޖެހުމަށްފަހު އެޓަލާންޓާގެ ފޯވާޑް، ރެޓޭގީ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

މެޗުގެ 76 ވަނަ މިނެޓުގައި ލެވަކޫސަނަށް ލީޑު ނަގައިދިން ހިންކާޕީ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން އެ ޓީމުން ވެސް ބާކީބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އެތުލެޓިކޯ އިން މެޗުގެ ކޮންޓްރޯލް އަތުލައި، އެންމެ ފަހު މިނެޓުގައި ވަނީ އަލްވަރޭޒް ކާމިޔާބުކުރި ގޯލުގެ އެހީގައި މޮޅު ކަށަވަރުކޮށްފައެވެ.

މިއީ ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް އެތުލެޓިކޯ އެންމެ ފަހުން ކުޅުނު 17 މެޗުގެ ތެރެއިން މޮޅުވި 16 ވަނަ މެޗެވެ.

އަމިއްލަ ދަނޑުގައި ސްޓާމް ގްރަޒް އަތުން އެޓަލާންޓާ މޮޅުވީ 5-0 އިންނެވެ. މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ މަޓެއޯ ރެޓޭގީ، މާރިއޯ ޕަސަލިޗް، ޗާލްސް ޑެ ކެޓެލާރް، އަޑެމޯލާ ލުކްމަން އާއި މާކޯ ބްރެޝިއަނީނީ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ކުލަބް ބްރޫޖްގެ ދަނޑުގައި އެ ޓީމާ 0-0 އިން ޔުވެންޓަސް ވަނީ އެއްވަރުވެފައެވެ. ރަށުން ބޭރުގައި ބޮލޯނިއާ އަތުން ބޮރޫޝިއާ ޑޯޓްމުންޑް ބަލިވީ 2-1 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު