ENGLISH
19 އޭޕްރީލު 2025
ކުއާޓަރގައި ބާސާ އާއި ވެލެންސިއާ، ރެއާލް ނުކުންނާނީ ލެގަނޭސްއާ ދެކޮޅަށް
21 ޖެނުއަރީ 2025
|
ރެއާލް ކުޅުނު މެޗެއްގައި ލަނޑުޖެހުމަށްފަހު އެ ޓީމު ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ކޮޕަ ޑެލް ރޭގެ ކުއާޓަރ ފައިނަލްގައި ބާސެލޯނާ އާއި ވެލެންސިއާ ބައްދަލުކުރަން ޖެހުނުއިރު، ރެއާލް މެޑްރިޑް ނުކުންނާނީ ލެގަނޭސްއާ ދެކޮޅަށެވެ.
ކުއާޓަރގެ އަނެއް ދެ މެޗަށް ބަލާލާއިރު، އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގައި އެ ޓީމުން ގެޓަފޭއާ ބައްދަލުކުރާއިރު، ރެއާލް ސޮސިއެޑާޑް ކުޅޭނީ އޮސަސޫނާއާ ދެކޮޅަށެވެ.
މުބާރާތުގެ ކުއާޓަރ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 4 އިން 6 އާ ދެމެދު އެވެ.
މި އަހަރުގެ މުބާރާތުގެ ގުރުއަތުލުމުގައި ދިމާވިގޮތުން، ބާސެލޯނާއާ ވާދަވެރި ރެއާލްގެ 'އެލް ކްލެސިކޯ' ފައިނަލެއް ފެނުމުގެ ފުރުޞަތު އެބައޮތެވެ.
މި މުބާރާތުގެ ތާރީޚުގައި މިދިޔަ 10 އަހަރުގެ ތެރޭގައި މި ދެ ޓީމުން ފައިނަލްގައި ވާދަކޮށްފައެއް ނުވެއެވެ. މިހާތަނަށް މި ދެ ޓީމު ކޮޕަ ޑެލް ރޭގެ ފައިނަލްގައި ވާދަކުރި 18 ފަހަރުގެ ތެރެއިން 11 މެޗުން ކުރިހޯދާފައިވަނީ ރެއާލެވެ. ބާސެލޯނާ މޮޅުވީ އެންމް ހަތް މެޗުންނެވެ. އޭގެތެރޭގައި މި ދެ ޓީމު އެންމެ ފަހުން ފައިނަލްގައި ބައްދަލުކުރި 2014 ވަނަ އަހަރު ވެލެންސިއާގައި ކުޅެ 2-1 އިން ރެއާލް މޮޅުވި މެޗު ހިމެނެއެވެ.
އެހެންނަމަވެސް، މިފަހަރުގެ ސީޒަނުގައި މި ދެ ޓީމު ބައްދަލުކުރި ދެ މެޗުން ވެސް މޮޅުވެފައިވަނީ ބާސެލޯނާ އެވެ. އެގޮތުން، ބާސެލޯނާ އިން ވަނީ، ލީގުގައި ރެއާލްގެ ދަނޑުގައި 4-0 އިން މޮޅުވެ، އެންމެ ފަހުން ސަޢޫދީ ޢަރަބިއްޔާގައި ކުޅުނު ސްޕެނިޝް ސުޕަ ކަޕް ފައިނަލްގައި ވެސް 5-2 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.