ENGLISH
19 އޭޕްރީލު 2025
ވިލާގެ ޑޫރާން ގަތުމަށް ވެސްޓް ހޭމުން ބިޑުކޮށްފި
21 ޖެނުއަރީ 2025
|
ވިލާގެ ފޯވާޑް، ޑުރާން. --ފޮޓޯ: ގެޓީ އިމޭޖަސް
އެސްޓަން ވިލާ އަށް ކުޅެމުން އަންނަ ކޮލަމްބިއާގެ ފޯވާޑް، ޖޮން ޑުރާން ގަތުމަށް ވެސްޓް ހޭމް ޔުނައިޓެޑުން ބިޑްކޮށްފައިވާ ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އުމުރުން 21 އަހަރުގެ ޑުރާންގެ ސޮއި ހޯދުމަށް ވެސްޓް ހޭމުން ވިލާ އަށް ހުށަހަޅާފައި ވަނީ ގާތްގަނޑަކަށް 70 މިލިއަން އެމެރިކާ ޑޮލަރު (57 މިލިއަން ޕައުންޑް) ގެ ބިޑެއް ކަމަށް ވެސް ފަހުގެ ޚަބަރުތައް ބުނެއެވެ.
ވިލާގައި މޮޅު ކުޅުމެއްދައްކަމުން އަންނަ ޑުރާން ހޯދުމަށް މީގެ ކުރިން، މިދިޔަ ޖުލައި މަހުގެ ތެރޭގައި ވެސް ވެސްޓް ހޭމުން ބިޑްކުރި ނަމަވެސް، ޒުވާން ކުޅުންތެރިޔާ، ލުވިސް އޯފޯޑް ހިމެނޭގޮތަށް އޭރު ހުށަހެޅި 38.6 މިލިއަން އެމެރިކާ ޑޮލަރު (30 މިލިއަން ޕައުންޑް) ގެ ބިޑު ވަނީ އަނބުރާ ފޮނުވާލައިފައެވެ.
މިހެން މިކަން އޮތްއިރު، ވެސްޓް ހޭމްގެ އެންމެ ފަހުގެ ބިޑުވެސް ވިލާ އިން އަނބުރާ ފޮނުވާލާނެ ކަމަށް ބެލެވޭކަމަށް ވެސް އިނގިރޭސި ނޫސްތަކުން ބުނެއެވެ.
މީގެ ދެ އަހަރު ކުރިން، އެމްއެލްއެސްގެ ޝިކާގޯ ފަޔާ އިން ވިލާ އަށް ބަދަލުވެ، ޑުރާން ވަނީ ލީގުގައި މިހާތަނަށް އެ ޓީމަށް 54 މެޗު ކުޅެދީފައެވެ. އެކަމަކު، މީގެ ތެރެއިން އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އޭނާ ކުޅުނީ އެންމެ ހަތް މެޗެވެ.
މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ޑުރާން ވަނީ ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް އެ ޓީމަށް މި ސީޒަނަށް 12 ލަނޑުޖަހައިދީފައެވެ. އޭގެތެރޭގައި، ލީގުގެ ފުރަތަމަ ދުވަހު ވެސްޓް ހޭމް ކޮޅަށް ޖެހި ލަނޑުވެސް ހިމެނެއެވެ.
ވިލާގެ އިނގިރޭސި ފޯވާޑް، އޮލީ ވަޓްކިންސްގެ ބަދަލުގައި ޑުރާން އަށް ފުރަތަމަ އެގާރައިން ޤަވާއިދުން ކުޅުމުގެ ފުރުޞަތު ނުލިބުނު ނަމަވެސް، މި ޖަނަވަރީ މަހުގެ ޓްރާންސްފަރ ބާޒާރުގައި އޭނާ ވިއްކާލުމުގެ ވިސްނުމެއް އެ ކުލަބުން ނުގެންގުޅެއެވެ. މީގެ އިތުރުން، ދާދިފަހުން ވިލާއިން ވަނީ ޑުރާންއާ އެކު ހަދާފައިވާ އެއްބަސްވުން ވެސް 2030 ގެ ނިޔަލަށް އިތުރުކޮށްފައެވެ.
ވެސްޓް ހޭމުން ޑުރާންގެ ސޮއިހޯދުމުގެ މަސައްކަތް ފެށީ، ފޯވާޑްލައިންގައި ހިމެނޭ ޖަރޮޑް ބޮވެން އާއި ޖަރުމަނުގެ ފޯވާޑް، ނިކްލަސް ފުލްކްރުގް ވެސް މި ވަޤުތު އަނިޔާގައި ހުރުމާއެކު، އެ ޓީމުގެ މުހިއްމު އެހެން ކުޅުންތެރިއެއް ކަމަށްވާ، މިހައިލް އެންޓޯނިއޯ ވެސް ކާރު އެކްސިޑެންޓަކަށްފަހު މުޅިން ރިކަވާ ނުވާތީވެ އެވެ. އެންޓޯނިއޯ އަށް ލިބުނު އަނިޔާތަކުގެ ސަބަބުން މި ސީޒަނުގައި ދެން އޭނާ އަށް ނުކުޅެވޭނެ އެވެ.