ENGLISH
19 އޭޕްރީލު 2025
ލޭކާސް އަތުން ކްލިޕާރސް އަށް ފަސޭހަމޮޅެއް
20 ޖެނުއަރީ 2025
|
ލޭކާސްއާ ކްލިޕާރސް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
އެމެރިކާގެ އެންބީއޭގައި މިއަދު ކުޅުނު މެޗުގައި ލޮސް އެންޖެލިސް އަށް ނިސްބަތްވާ ދެ ޓީމުގެ ކުރިމަތިލުމުން ލޮސް އެންޖެލިސް ކްލިޕާރސް ކުރިހޯދައިފިއެވެ.
ލޮސް އެންޖެލިސް ލޭކާސް އަތުން ކްލިޕާރސް މޮޅުވީ 116-102 އިންނެވެ.
ކްލިޕާރސްގެ އައު ސްޓޭޑިއަމް، އިންޓުއިޓް ޑޯމްގައި މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ މެޗުގައި ކްލިޕާރސް އިން ވަނީ ފުރަތަމަ ދެ ކުއާޓަރ، ކުރެން ކޮންމެ ކުއާޓަރއެއްގައި 32 ޕޮއިންޓް އެއްކޮށްފައެވެ. މިއާއެކު، އެ ޓީމުން ހާފު ނިންމާލީ ވެސް 15 ޕޮއިންޓްގެ ލީޑަކާއެކު، 64-49 އިން ކުރީގަ އޮވެގެންނެވެ.
ލޭކާސް އިން މެޗަށް އެނބުރި އަންނަން ކުރި މަސައްކަތުގެ ތެރެއިން، އެ ޓީމުން ތިންވަނަ ކުއާޓާރގައި 28-28 އިން އެއްވަރުކުރިއިރު، ފަހު ކުއާޓަރގައި 25-24 އިން ކުރިހޯދިނަމަވެސް ކްލިޕާރސްއާ ދެމެދު އޮތް ފަރަގު ނައްތާލެވޭ ގޮތެއް ނުވިއެވެ.
މި މެޗުން ކްލިޕާރސް މޮޅުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރި ނޯމަން ޕަވެލް ވަނީ 22 ޕޮއިންޓް އެއްކޮށްފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު އިވިޗާ ޒޫބާޗް ވަނީ 21 ޕޮއިންޓާއެކު 19 ރީބައުންޑްނަގައި، ޑަބަލް-ޑަބަލްއެއް ފުރިހަމަކޮށްފައެވެ. މީގެއިތުރުން، އެ ޓީމުގެ ޖޭމްސް ހާޑެން ވަނީ 21 ޕޮއިންޓާއެކު، 12 އެސިސްޓް ހަދައި، ޑަބަލް-ޑަބަލްއެއް ފުރިހަމަކޮށްފައެވެ.
ލޭކާސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ލެބްރޮން ޖޭމްސް އެވެ. ޖޭމްސް ވަނީ 25 ޕޮއިންޓާއެކު، 11 އެސިސްޓް ހަދައި، ޑަބަލް-ޑަބަލްއެއް ފުރިހަމަކޮށްފައެވެ. ދެން އެންމެ ފާހަގަކޮށްލެވުނު ރުއީ ހަޗިމޫރާ ވަނީ 19 ޕޮއިންޓް އެއްކޮށްފައެވެ.
މި މުބާރާތުގައި މިއަދު ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އޯލާންޑޯ މެޖިކް އަތުން ޑެންވާ ނަގެޓްސް މޮޅުވީ 113-100 އިންނެވެ. މިއާމީ ހީޓް އަތުން ސަން އެންޓޯނިއޯ ސްޕާރސް 128-107 އިން ބަލިވިއިރު، ސެކްރަމެންޓޯ ކިންގްސް ވަނީ 123-100 ގެ ތަފާތަކުން ވޮޝިންގޓަން ވިޒަޑްސް ބަލިކޮށްފައެވެ.