ENGLISH

06 ޖޫން 2025

Advertisement

ބާސެލޯނާގެ އޮލްމޯ އަށް އަނިޔާވެ، ދުވަސްތަކަކަށް ކުޅުމާ ދުރަށް

20 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ބާސެލޯނާގެ މިޑްފީލްޑަރު، އޮލްމޯ. --ފޮޓޯ: ރޮއިޓާސް

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު، ޑަނީ އޮލްމޯ އަށް އަނިޔާވެ، ކުރިއަށް އޮތް ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗުގައި ނުކުޅެވޭނެ ކަމަށް އެ ކުލަބުން ބުނެފިއެވެ.

އުމުރުން 26 އަހަރުގެ އޮލްމޯގެ ކަނާތުފައިގެ ކުޑަކަޅުވާ އަށް އަނިޔާވެފައިވަނީ، ލީގުގައި އެ ޓީމު އެންމެ ފަހުން ގެޓަފޭއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގައެވެ.

ބާސެލޯނާ އިން ނެރުނު ބަޔާނުގައިވަނީ، އޮލްމޯގެ ފައިގެ ކުޑަކަޅުވާގެ މަސްގަނޑަށް އަނިޔާވެފައިވާތީވެ ކުރިއަށް އޮތް މެޗުގައި ނުކުޅެވޭނެ ކަމަށާއި، އެނބުރި އަންނާނެ ތާރީޚެއް އެނގޭނީ ރިކަވަރީގެ ކަންތައްތައް ދާގޮތަކުން ކަމަށެވެ.

އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިނަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އޮލްމޯ ވަނީ މި ސީޒަނަށް އާރްބީ ލީޕްޒިގުން ބާސެލޯނާ އަށް ބަދަލުވެ، މިހާތަނަށް އެ ޓީމަށް ކުޅެދިން 18 މެޗުގައި ހަ ގޯލު ޖަހައި، އިތުރު ތިން ގޯލްޖެހުމަށް އެހީތެރިވެދީފައެވެ.

މި ސީޒަނަށް ބާސެލޯނާ އިން ގެނައި އޮލްމޯގެ އިތުރުން ޕައު ވިކްޓާ ވެސް ރަޖިސްޓްރީ ކުރެވުނީ ހަމައެކަނި ސީޒަނުގެ ފުރަތަމަ ބަޔަށެވެ. އެއީ، ސްޕެނިޝް ލީގުގެ މާލީ ގަވާއިދުތަކާއި މުސާރައިގެ މިންގަނޑަށް ނުފެތޭތީވެ އެވެ. މިއާއެކު، ލަލީގާގެ އިތުރުން ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ފައިނޭންޝަލް ފެއަރޕްލޭގެ ގަވާއިދުތަކާ އެއްގޮތަށް އަމަލުނުކުރުމުގެ ސަބަބުން ބާސެލޯނާ އަށް އެ ދެ ކުޅުންތެރިން ރަޖިސްޓްރީކުރުން މަނާކޮށްފައެވެ.

އެހެންނަމަވެސް، ފަހުން ބާސެލޯނާ އިން ސްޕެއިނުގެ ސަރުކާރުގައި އެދިގެން އެ ގައުމުގެ ސްޕޯޓްސް ކައުންސިލުން ވަނީ އެ ނިންމުން ބަދަލުކޮށް، އެ ކުލަބުގެ އިސްތިޢުނާފުގެ މަރުހަލާ ނިމެންދެން ވަގުތީގޮތުން އެ ދެ ކުޅުންތެރިން ރަޖިސްޓްރީކުރުމުގެ ހުއްދަ ދީފައެވެ.

ބާސެލޯނާ އަށް ދެން އެންމެ އަވަހަށް އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި މާދަމާ ރޭ ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އެއަށްފަހު، ލީގުގައި އެ ޓީމު ދެން ނުކުންނާނީ އަމިއްލަ ދަނޑުގައި ވެލެންސިއާ އާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު