ENGLISH

19 އޭޕްރީލު 2025

Advertisement

އެމްބާޕޭ ވިދާލިއިރު، ލަސް ޕަލްމާސް ބަލިކޮށް ރެއާލް އެއްވަނަ އަށް

20 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ލަސް ޕަލްމާސް ކޮޅަށް ލަނޑުޖެހުމަށްފަހު އެމްބާޕޭ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ފްރާންސްގެ ތަރި، ކީލިއަން އެމްބާޕޭ ވައްދާލި ދެ ލަނޑާއެކު، ލަސް ޕަލްމާސް 4-1 އިން ބަލިކޮށް ރެއާލް މެޑްރިޑުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

މި ނަތީޖާއާއެކު، އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް އެއްވަނައިގައި އޮތީ 20 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ. ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތްއިރު، ވާދަވެރި ބާސެލޯނާ އޮތީ 20 މެޗުން ލިބުނު 39 ޕޮއިންޓާއެކު ތިންވަނައިގައެވެ.

ރެއާލުން މި މެޗަށް ނުކުތްއިރު ސަސްޕެންޝަނުގެ ސަބަބުން އެ ޓީމުގެ ބްރެޒިލް ތަރި، ވިނީޝިއުސް ޖޫނިއާ ނުކުޅެ އެވެ. ލީގުގައި ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން ވިނީޝިއުސް ވަނީ ދެ މެޗަށް ސަސްޕެންޑްކޮށްފައެވެ. ރޭގެ މެޗަކީ ސަސްޕެންޝަނުގެ ސަބަބުން ވިނީޝިއުސް އަށް ގެއްލުނު ފުރަތަމަ މެޗެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 25 ވަރަކަށް ސިކުންތުގެ ތެރޭގައި ލީޑު ނެގީ ލަސް ޕަލްމާސް އިންނެވެ. އެ ޓީމަށް މި ލަނޑުޖަހައިދިނީ ފަބިއޯ ސިލްވާ އެވެ.

މެޗުގެ 18 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރެއާލަށް އެއްވަރުކޮށްދިނީ އެމްބާޕޭ އެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމުގެ ބްރެޒިލް ވިންގް، ރޮޑްރީގޯ އަށް ލަސް ޕަލްމާސްގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގައި ރެއާލަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ 33 ވަނަ މިނެޓުގައި ލޫކަސް ވަޒްކޭޒް ދިން ބޯޅައަކުން ބްރާހިމް ޑިއާޒް އެވެ. އޭގެ ތިން މިނެޓުފަހުން، އެމްބާޕޭ ވަނީ ރޮޑްރީގޯ ނަގައިދިން ހުރަހެއްގެ އެހީގައި ރެއާލްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. ދެވަނަ ހާފުގެ ކުޅުން ފެށިތާ 12 ވަނަ މިނެޓުގައި ރެއާލްގެ ފަހު ލަނޑުޖަހައިދިނީ ރޮޑްރީގޯ އެވެ.

އަދި އޭގެފަހުން، މެޗުގެ 64 ވަނަ މިނެޓުގައި ލަސް ޕަލްމާސްގެ ޑިފެންޑަރު، ބެނީޓޯ އަށް ސީދާ ރަތް ކާޑު ދެއްކުމުން އެ ޓީމު ބާކީބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ބެނީޓޯ އަށް ރަތް ކާޑު ދެއްކީ ރެއާލްގެ ވަޒްކޭޒަށް ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެންނެވެ.

އޭގެފަހުން، ރެއާލްގެ ލީޑު ފުޅާކޮށްދޭން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ފެޑެރީކޯ ވަލްވާޑޭ ފޮނުވާލި ބޯޅަތަކުން ގޯލެއް ކާމިޔާބުކުރި ނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ނިންމީ އެ ގޯލުތައް ބަލައިނުގަތުމަށެވެ.

ކިޔުންތެރިންގެ ހިޔާލު