ENGLISH
19 އޭޕްރީލު 2025
ނޫނޭޒްގެ ލަނޑުތަކުން ލިވަޕޫލް މޮޅުވެ، ލީޑު ފުޅާކޮށްފި
19 ޖެނުއަރީ 2025
|
ލިވަޕޫލާ ބްރެންޓްފޯޑް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
އިތުރު ވަގުތުގެ ތެރޭގައި ޑާވިން ނޫނޭޒް ވައްދާލި ދެ ލަނޑާއެކު، ބްރެންޓްފޯޑް 2-0 އިން ބަލިކޮށް ލިވަޕޫލް ތާވަލްގެ ކުރީގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
މި ނަތީޖާއާ އެކު، ލިވަޕޫލް އެއްވަނައިގައި އުޅެނީ 21 މެޗުން 50 ޕޮއިންޓް ހަމަކޮށްގެންނެވެ. އެއް މެޗު އިތުރަށް ކުޅެގެން ދެވަނައިގައި އުޅޭ އާސެނަލަށް ލިބިފައިވަނީ 44 ޕޮއިންޓެވެ. ތިންވަނައިގައި ނޮޓިންގހަމް ފޮރެސްޓް އޮތީ 21 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ.
ބްރެންޓްފޯޑްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ދެ ޓީމަށް ވެސް ލަނޑުޖަހަން ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވެ، ދެ ޓީމަށް ލަނޑެއް ނުޖެހި އެއްވަރުވާން ދަނިކޮށް ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ނޫނޭޒް އެވެ. މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ނޫނޭޒް މި ލަނޑު ޖަހައިދިނީ ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ނަގައިދިން ހުރަހެއްގެ އެހީގައެވެ.
އަދި، އޭގެ ދެ މިނެޓު ފަހުން، ނޫނޭޒް ވަނީ އިތުރު ގޯލެއް ޖަހައި، ލިވަޕޫލަށް މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. އެ ޓީމުން މި ދެ ގޯލް ކާމިޔާބުކުރީ، ގޯލަށް އަމާޒުކޮށް ފޮނުވާލި 36 އަދި 37 ވަނަ ހަމަލާ އިންނެވެ.
މި މެޗުން ބަލިވި ބްރެންޓްފޯޑް އޮތީ ތާވަލްގެ 11 ވަނައިގައެވެ. އެ ޓީމަށް 22 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ.
ލީގުގައި ރޭ އާސެނަލްގެ ދަނޑުގައި އެ ޓީމު ވަނީ 2-2 އިން އެސްޓަން ވިލާއާ އެއްވަރުވެފައެވެ. މި މެޗުގައި އާސެނަލްގެ ގެބްރިއެލް މާޓިނެލީ އާއި ކައި ހަވާޓްޒް ކާމިޔާބުކުރި ގޯލުތަކުން ލީޑު ނަގާފައިވަނިކޮށް، ވިލާ އަށް އެއްވަރުކޮށްދިނީ ޔޫރީ ޓީލަމެންސް އަދި އޮލީ ވަޓްކިންސް އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ނިއުކާސަލް ޔުނައިޓެޑްގެ ދަނޑުގައި އެ ޓީމު އަތުން ބޯންމަތު މޮޅުވީ 4-1 އިންނެވެ. ރަށުން ބޭރުގައި ލެސްޓަރ ސިޓީ އަތުން ފުލަމް 2-0 އިން މޮޅުވިއިރު، ވެސްޓް ހޭމް ޔުނައިޓެޑްގެ ދަނޑުގައި އެ ޓީމު އަތުން ކްރިސްޓަލް ޕެލަސް މޮޅުވީ ވެސް ހަމަ 2-0 އިންނެވެ.