ENGLISH
28 ޖުލައި 2026
ނޮވެމްބަރުގެ ކުރިން ރައީސަށް ލަފާދޭ މަޝްވަރާ މަޖިލީހާއި ގައުމީ މަޖިލީސް އެކުލަވާލަނީ
28 ޖުލައި 2026
|
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ؛ ރައީސް އޮފީސް.
އެންމެ މަޤްބޫލު
ރައީސަށް ލަފާދޭ މަޝްވަރާ މަޖިލީހާއި ގައުމީ މަޖިލީސް އެކުލަވާލުމުގެ މަސައްކަތް އަންނަ ނޮވެމްބަރުމަހުގެ ކުރިން ނިމޭނެކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ ހަގީގީ މާނައިގައި، ވަށާޖެހޭގޮތެއްގައި ގައުމުގެ ކަންކަން ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާއިރު ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަކީ މުހިންމު އެއްޗެއްކަމަށެވެ. މި ޖަލްސާގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގުވަޒަންކުރައްވައި، 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ އާއި ހަނދާނީލިޔުން އަރުވާފައިވާތީ އެކަމަށް އިޝާރާތްކުރައްވަމުން ރަައީސް ވިދާޅުވީ ގައުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި އެ ބޭފުޅުންގެ ތަޖުރިބާގެ އަލީގައި ދެއްވޭނެ އަދި ދެއްވަން ބޭނުންވާނެ މަޝްވަރާތައް ހުންނާނެކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ހާއްސަ މަޝްވަރާ މަޖިލީހަކާއި، ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ގައުމީ މަޖިލީހެއް އުފެއްދުމުގެ ކަންކަން ހިނގަމުންދާކަމަށް ވިދާޅުވިއެވެ.
މީގެތެރެއިން ހާއްސަ މަޝްވަރާ މަޖިލީހަކީ، އިސް ރަށްވެހިންގެ ތެރެއިން، ދައުލަތުގެ އިއްޒަތުގެ ޝަރަފާއި، މަތިވެރި އިއްޒަތުގެ ޝަރަފާއި، ދިގު މުއްދަތުގެ ޝަރަފު ފަދަ ޝަރަފުތައް ލިބިވަޑައިގެން ތިއްބެވި، ގައުމީ ހިދުމަތުގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ހާސިލުކުރައްވާފައިވާ ބޭފުޅުން ހިމެނޭގޮތަށް އެކުލަވައިލެވޭ މަޝްވަރާ މަޖިލީހެކެވެ. އަދި ގައުމީ މަޖިލީހަކީ އެކި ފަންނުތަކުން ތަޖުރިބާ ހާސިލުކޮށްފައި ތިބި، ތައުލީމީ އަދި ތަޖުރިބާކާރު ބޭފުޅުން ހިމެނޭގޮތަށް އެކުލަވާލާ މަޖިލީހެކެވެ.
"މީގެ ބޭނުމަކީ، ގައުމުގެ ކަންކަން ހަރުދަނާގޮތުގައި ހިންގުމުގައި، ސަރުކާރުގެ ކަންކަން ރަނގަޅުގޮތުގައި ގެންދިޔުމުގައި، ގައުމަށް ދިމާވާ ކަންކަމުގައި މަޝްވަރާ ހުށަހެޅުމުގައި ފުރުސަތު ދިނުން. އާދެ، ކުރިއަށް އޮތް ދުވަސްތަކުގައި، ކުރިއަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި، ކުރިއަށް އޮތް ތިންމަސް ދުވަސް ނިމޭއިރު، ނޮވެންބަރު މަސް އަންނަންވާއިރު، މި ދެ މަޖިލިސްވެސް ފޯމް ކުރެވިގެން، އިރާދަކުރެއްވިއްޔާ އުފެދިގެން އައުމުގެ އުންމީދު އަޅުގަނޑުގެ އެބައޮތް. އިރާދަކުރެއްވިއްޔާ އެކަން ހާސިލުވެގެންދާނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޭރުން ތަޖުރިބާކާރު، ފަންނީ ބޭބޭފުޅުންނަށް ގައުމުގެ ކަންކަމުގައި ހިޔާލާއި މަޝްވަރާ ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.
މީގެ އިތުރަށް އިންތިހާބީ މެންބަރުން ހިމެނޭ "ޒުވާނުންގެ މަޖިލީހެއް" އުފައްދަވާނެ ކަމަށްވެސް މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައަކީ ޒުވާނުންނާއި އަންހެނުންކަމަށްވީ ހިނދު ދައުލަތް ހިންގުމުގެ ނިޒާމުގައާއި މިނިވަންކަން ދެމެހެއްޓުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ޒުވާނުންގެ މަޖިލީހެއްގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ އަޑުއަހައިގެން ވެރިކަން ކުރުމަށް ރައީސް ހާއްސަ އިސްކަމެއްދެއްވާއިރު އެމަނިކުފާނު ވަނީ ދެ އަހަރެއްހާ ދުވަހުގެ ތެރޭ ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާފައެވެ. މިއީ ރާއްޖޭގެ ރައީސްއަކު އެހާ ކުރުމުއްދަތެއްގެ ތެރޭގައި ހުރިހާ ރަަށަކަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ. އެގޮތުން ރައީސް ވަނީ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް އެ މުއްދަތުގެ ތެރޭގައި ވަޑައިގެންފައެވެ. އަދި އެ މުއްދަތުގައި އެމަނިކުފާނު ވަނީ 63 ރަށަކަށް ދެ ވަނަ ފަހަރަށްވެސް ޒިޔާރަތްކުރައްވާފައެވެ.