ENGLISH
21 އޭޕްރީލު 2025
"ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ރ. އަތޮޅުގެ ފުރަތަމަ ފިޔަވަހި ނިންމާލައިފި
29 ޑިސެމްބަރު 2024
|
އިޖްތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން --- ފޮޓޯ: މިނިސްޓްރީ
އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމު ތެރެއިން ރ. އަތޮޅުގެ ފުރަތަމަ ފިޔަވަހި ނިންމާލައިފިއެވެ.
މި ޕްރޮގްރާމުގެ ދަށުން ޖުމްލަ 1010 ގޭބީސީއަށް ޒިޔާރަތްކޮށްފައިވާ އިރު، މި ޕްރޮގްރާމުގެ ތެރެއިން ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެވި، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
މީގެ އިތުރުން، މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި ރ. އަތޮޅުގެ ހަތް ރަށުގައި ކުރިއަށް ގެންގޮސް މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ވަނީ ޒިޔާރަތްކޮށްފައެވެ. އޭގެ ތެރޭގައި ރ. ފައިނުގެ 60 ގޭބިސީ، ކިނޮޅަހުގެ 74 ގޭބިސީ، ހުޅުދުއްފާރުގެ 173 ގޭބިސީގެ އިތުރުނެ މީދޫގެ 254 ގޭބިސީ އާއި އިނގުރައިދޫގެ 225 ގޭބިސީއަށް ޒިޔާރަތްކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
"ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން --- ފޮޓޯ: މިނިސްޓްރީ
އަދި އެ ޕްރޮގްރާމު ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް، ރ. އަތޮޅު ކައުންސިލާއި، ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، ސަރުކާރުގެ އިދާރާތަކުން ދެއްވި އެއްބާރުލުން ފާހަގަކޮށް އެ ވުޒާރާއިން ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
މިއީ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބީސީތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ޙާލު ބަލައި ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.