ENGLISH

22 ޖުލައި 2026

Advertisement

ކާބޯތަކެތި ގަތުމަށް ނިމުނު ދެ އަހަރާއި ބައިގެ ތެރޭ 736،600 ރުފިޔާގެ އެހީ ދީފި

22 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ފޮޓޯ: ވިރާސީ

ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭ ކާބޯތަކެތި ގަތުމަށް ދައުލަތުން ދިން އެހީގެ ގޮތުގައި 736،600 ރުފިޔާ ދޫކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ބުނެފިއެވެ. 

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އެމްއެމްޓީވީ"އިން އެދިގެން އެންސްޕާއިން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު 2021 އިން 2022 ވަނަ އަހަރުގެ ނިޔަލަށް ކާބޯތަކެތި ގަތުމަށް އެހީގެ ގޮތުގައި ދީފައިވަނީ 835،480 ރުފިޔާއެވެ. 

އެ މުއްދަތުގައި އެންމެ ގިނައިން ކާބޯތަކެތި ގަތުމަށް އެންސްޕާއިން އެހީ ފޯރުކޮށްދިނީ 2023 ވަނަ އަހަރުއެވެ. އެ އަހަރު ކާބޯތަކެތި ގަތުމަށް 289،160 ރުފިޔާގެ އެހީ އެންސްޕާއިން ފޯރުކޮށްދިން ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. 

އެ އިދާރާއިން ބުނި ގޮތުގައި 2024 ވަނަ އަހަރު ކާބޯތަކެތި ގަތުމަށް އެހީވުމަށް 297،720 ރުފިޔާ ފޯރުކޮށްދިނެވެ. އަދި 2025 ވަނަ އަހަރު އެ އަދަދުވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %3.7 އިތުރުވެފައެވެ. އެގޮތުން 2025 ވަނަ އަހަރު 308،920 ރުފިޔާ ކާބޯތަކެތި ގަތުމަށް އެހީތެރިވުމަށް އެންސްޕާއިން ދޫކުރިއެވެ. 

2018 ވަނަ އަހަަރުން ފެށިގެން ކާބޯތަކެތި ގަތުމަށް އެންސްޕާއިން ދޫކުރި ފައިސާގެ އަދަދުތަކަށް ބަލާއިރު ކާބޯތަކެތި ގަތުމަށް އެހީވުމަށް އެންމެ ގިނަ ފައިސާ އެ އިދާރާއިން ދޫކުރި އަހަރަކީ 2025 ވަނަ އަހަރެވެ. 2018 ވަނަ އަހަރުން ފެށިގެން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކާބޯތަކެތި ގަތުމަށް އެހީވުމަށް 2،282،440 (ދެމިލިއަން ދެލައްކަ އަށާވީސްހާސް ހަތަރުސަތޭކަ ސާޅީސްހަތަރު) ރުފިޔާ އެންސްޕާއިން ދޫކުރިއެވެ. 

އެ އިދާރާގެ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެންސްޕާއިން ކާބޯތަކެތި ގަތުމަށް ދޭ އެހީގެ ގޮތުގައި ޖުމްލަ 129،960 ރުފިޔާ ދޫކޮށްފައިވެއެވެ. 

އެންސްޕާއިން އަންނަނީ އެކަނިވެރި މައިންބަަފައިންނާއި ނުކުޅެދުންތެރިކަން ހުންނަަ ކުދިންނަށް ދައުލަތުން ދޭ އިނާޔަތް ދިނުމުގެ ކަންކަން ބަލަހައްޓަމުންނެވެ. އޭގެ އިތުރަށް ސިއްހީ ކަންކަމުގައި އާސަންދައިގެ އެހީތެރިކަމުގެ އިތުރަށް އެހީ ބޭނުންވާ މީހުންނާއި ދިރިއުޅުމުގެ އަސާސީ ބޭނުންތަކުގެ ތެރެއިން ކާބޯތަކެތި ގަތުމާއި، ކަރަަންޓާއި ފެން ބިލުތައް ދެއްކުން ފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު