ENGLISH
22 ޖުލައި 2026
އިރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް އެމެރިކާއިން 37.5 ބިލިއަން ޑޮލަރު ހަރަދުކޮށްފި
22 ޖުލައި 2026
|
އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު.
އެންމެ މަޤްބޫލު
އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް މިހާތަނަށް 37.5 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްފިއެވެ.
އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މަތިގެ، ސެނެޓުގެ ކޮމިޓީއެއްގައި ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް ދިފާއީ ކަންކަމަށް އިތުރަށް ބޭނުންވާ 67 ބިލިއަން ޑޮލަރުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަދައްކަވާފައެެވެ. މިއީ އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ހިނގާފައިވާ ހަރަދުތަކާ ގުޅޭގޮތުން މިހާތަނަށް އެމެރިކާ ސަރުކާރުން ހާމަކުރި އެންމެ ފަހުގެ މައުލޫމާތެވެ. މީގެ ކުރިން މެއި މަހުގެ މެދުތެރޭގައި ޕެންޓަގަނުން ބުނެފައިވަނީ އިރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް 29 ބިލިއަން ޑޮލަރު ހަރަދުވެފައިވާ ކަމަށެވެ. ނަމަވެސް އެ އަދަދުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ލިބުނު ގެއްލުންތައް ހިމަނާފައެއް ނުވެއެވެ.
މިދިޔަ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލް އިސްވެ އޮވެ ފެށި މި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވާލައި، ފާއިތުވި ހަފުތާތަކުގައި ކުރިމަތިލުންތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. މީގެ ސަބަބުން ހަކަތައިގެ އަގުތައް އުފުލެމުން އަންނާތީ ޑިމޮކްރެޓްސްގެ މެންބަރުން ވަނީ ހެގްސެތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ހެގްސެތު ވިދާޅުވީ، މިހާރު ހުށަހަޅާފައިވާ ބަޖެޓުގެ ތެރެއިން 21 ބިލިއަން ޑޮލަރު ހޭދަކުރާނީ މިސައިލާއި ހަނގުރާމައިގައި ބޭނުންކުރާ ގޮވާތަކެތި އިތުރުކުރުމަށް ކަމަށާއި، 2 ބިލިއަން ޑޮލަރު ހަނގުރާމައިގައި ހަލާކުވި ސާމާނު އައުކުރުމަށް އަދި 11.6 ބިލިއަން ޑޮލަރު ޑްރޯންއާއި ސެޓެލައިޓް ފަދަ ޓެކްނޮލޮޖީއަށް އިންވެސްޓްކުރުމަށް ހަރަދުކުރާނެކަމަށެވެ.
މި ބައްދަލުވުމުގައި ޑިމޮކްރެޓިކްގެ ސެނެޓަރު ޕެޓީ މަރޭ ވިދާޅުވީ، ހަނގުރާމަ ކޮންޓްރޯލުން ނެއްޓިގެން ގޮސްފައިވާ ކަމަށާއި، މިއީ ނިމުމެއް ނެތް ހަނގުރާމައަކަށް ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ހަނގުރާމަ އަވަހަށް ނިމޭނެ ކަމަށް ރައީސް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، މިހާރު އަނެއްކާވެސް 70 ބިލިއަން ޑޮލަރަށް އެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ އަދަދު ވަނީ 18 އަށް އުފުލިފައެވެ.