ENGLISH
21 އޭޕްރީލު 2025
އާރުޑީސީގެ ކުރީގެ އެމްޑީ އާއި ސީއެފްއޯގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފި
29 ޑިސެމްބަރު 2024
|
އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު. --ފޮޓޯ: އެޑިޝަން
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އާއި އެ ކުންފުނީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަންގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު އާރުޑީސީ ހިންގުމުގައި އިސްކޮށް އުޅުނު ދެ މީހުން ފުރުން މަނާކޮށްފައި މި ވަނީ އެ ކުންފުނީގެ މާލިއްޔަތަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަމުން ދަނިކޮށެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ އާރުޑީސީގެ ކުރީގެ ވެރިންނަށް ތުހުމަތު ކުރަނީ 14 މިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވި މައްސަލައެކެވެ.
ފުލުހުން ވިދާޅުވީ، މާލީ ބޮޑު މި ޚިޔާނާތުގައި ތިން މީހަކު ހިމެނޭ ކަމަށާއި ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ފައިސާ އެ މީހުންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. ޖުމްލަ ފައިސާގެ ތެރެއިން 11 މިލިއަން ރުފިޔާ އެ ކުންފުނީގެ ކުރީގެ އިސް އޮފިޝަލެއްގެ އެކައުންޓަށް ޖަމާކޮށްފައިވާއިރު ބާކީ ހަތަރު މިލިއަން ރުފިޔާ ޖަމާކޮށްފައި ވަނީ އިތުރު ދެ މީހެއްގެ އެކައުންޓަށެވެ.
މީގެ އިތުރުން، ތުހުމަތު ކުރެވޭ މީހެއްގެ އެކައުންޓަށް، އާރްޑީސީގެ އެކައުންޓްތަކުން 216 މުއާމަލާތެއް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ ޓްރާންސްފާރގެ މި ކުދިކުދި މުޢާމަލާތްތަކުގެ ސަބަބުން ތަހުޤީޤަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށާއި، ކޮންމެ އެސޯސިއޭޓެޑް އެކައުންޓަކުން ވެސް ފައިސާ ދައުރުވާ މިންވަރު ރަނގަޅަށް ދެނެގަތުމަށް ވަކިވަކިން ބަލަން ޖެހޭ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް މޫސާ އަލީ މަނިކާއި ޔާސިރު ހަސަން ދިރިއުޅުއްވާ ގެއާއި އެކަމާ ގުޅުން ހުރި އިތުރު ދެ ތަނެއް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. ބަލައި ފާސްކުރުމުގެ ތެރޭގައި އެ މީހުންގެ އިލެކްޓްރޯނިކް ޑިވައިސްތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.