ENGLISH
04 ޖުލައި 2025
ޑްރޯންގެ އެހީގައި އަތުލައިގަތީ ލަންކާ މަސްބޯޓެއް: އެމްއެންޑީއެފް
29 ޑިސެމްބަރު 2024
|
ޤަވާއިދާ ޚިލާފަށް ރާއްޖެ ސަރަހައްދުގައި އުޅުނު މަސްބޯޓެއް --- ފޮޓޯ: އެމްއެންޑީއެފް
ޤަވާއިދާ ޚިލާފަށް ރާއްޖެ ސަރަހައްދަށް ވަދެ އުޅެނިކޮށް އެމްއެންޑީއެފް އެއަރ ކޯރ ޑްރޯން ގެ އެހީގައި ލޮކޭޓް ކުރުމަށްފަހު އަތުލައިގަތީ ލަންކާގެ މަސްބޯޓެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ވިދާޅުވީ އެއީ އެއީ ސްރީލަންކާ އަށް ނިސްބަތްވާ އުޅަނދެއް ކަމަށާއި އެ އުޅަނދުގައި ތިން މީހަކު ތިބި ކަމަށެވެ.
އަަދި އެ އުޅަނދު މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި، ޤާނޫނާ ޚިލާފަށް ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސް ބޯޓެއް، އަތުލައިގަނެފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މީގެއިތުރުން، މިދިޔަ ހަފްތާގައި ފުވައްމުލަކު ސިޓީގެ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ފެނުނު ސޯމާލިއާ ޑިންގީއެއް ވެސް ވަނީ އަތުލައިގެންފައެވެ. އެ ޑިންގީގައި ތިން މީހުން ތިބި ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.
އެމްއެންޑީއެފް އެއަރ ކޯރގައި ބޭނުންކުރަނީ ތުރުކީވިލާތުގެ ބައިރަކްތާރު ޓީބީ2 މަރުކާގެ ޑްރޯންނެވެ. ބައިރަކްތާރު ޓީބީ2" ޑްރޯނަކީ 18،000 އަދި 25،000 ފޫޓު މަތިން އުދުއްސޭ އުޅަނދުތަކެކެވެ. ހަތްދިހަ އާއި 120 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި އުދުހެވޭ މި އުޅަނދުތަކަކީ ނައިޓް ވިޝަން ކޭޕަބިލިޓީ އާ އެކު ރޭގަނޑު ވެސް ވަގުތުން ފޮޓޯ އާއި ވީޑިއޯ ފޮނުވޭ އުޅަނދެކެވެ.