ENGLISH
21 ޖުލައި 2026
ނ. އަތޮޅު ހޮސްޕިޓަލަށް 30 އަހަރުން ނުގެނެވުނު ކުރިއެރުން ދެ އަހަރުން ގެނެސްދީފި
21 ޖުލައި 2026
|
ނ. އަތޮޅު ހޮސްޕިޓަލް
އެންމެ މަޤްބޫލު
ސަރުކާރަށް މިވީ ދެ އަހަރުގެ ތެރޭގައި ނ. އަތޮޅު ހޮސްޕިޓަލަށް އެ އަތޮޅުގެ ރައްޔިތުން ބޭނުންވި ފަދަ ރަނގަޅު ބަދަލުތަކެއް ސަރުކާރުން ގެނެސްދީފައިވާކަމަށް ނ. އަތޮޅު ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި އަހުމަދު މައުމޫން ވިދާޅުވެއްޖެއެވެ.
މައިމޫން މިފަދައިން ވިދާޅުވީ އެމްއެމްޓީވީގެ "އަރާއިރު" ޕްރޮގްރާމްގައި ނ. އަތޮޅުގެ ސިއްހީ ނިޒާމަށް މި ދެ އަހަރުގެ ތެރޭގައި އައި ކުރިއެރުންތަކުގެ މައުލޫމާތު ދެއްވަމުންނެވެ.
ނ. އަތޮޅު ހޮސްޕިޓަލަކީ 2017 ވަނަ އަހަރު ޑަޔަލިސިސްގެ ހިދުމަތް ފެށުނު ހޮސްޕިޓަލެއްކަން ފާހަގަކުރައްވަމުން މައިމޫން ވިދާޅުވީ މި ސަރުކާރު ހަވާލުވީއިރު ހިދުމަތް ހޯދާ މީހުންގެ އަަދަދު އިތުރުވެ ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމުގައި ގޮންޖެހުންތަކެއް ހުރިކަމަށެވެ.
"ސަރުކާރުގެ ސިޔާސަތަކީ ސިއްހީ ހިދުމަތްތައް އަތޮޅުތެރެއަށް ފުޅާކުރުން، އެ ސިޔާސަތުގެ ދަށުން ކުރިން ހުރި ދެ މެޝިން ހަތަރު މެޝިނަށް އިތުރުކޮށް ހިދުމަތް ދޭން ފެށުނު 2024 ވަނަ އަހަރު، ޖުމްލަ 12 ނުވަަތަ 14 ވަރަކަށް މީހުން ހިދުމަތް ހޯދާ ދުވާލެއްގެ މައްޗަށް، ޗުއްޓީއަކާ ދިމާވެއްޖެނަމަ އެ އަދަދު އިތުރުވެގެންދޭ،" މައިމޫން ވިދާޅުވިއެވެ.
މައިމޫން ވިދާޅުވީ މި ބަދަލާއެކު މިހާރު ހިދުމަތްދިނުމަށް އިތުރަށް ފަސޭހަވެގެން ގޮސްފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގެންނެވުމުން ފިޒިއޯތެރަޕީ، ނަފްސާނީ ބަލިތައް އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ފަރުވާ އަތޮޅުން ލިބޭނެގޮތް ހައްދަވާދެއްވުމަށް ރައްޔިތުން އެދުނުކަމަށާއި ނަތިޖާއަކީ ނ. އަތޮޅު ހޮސްޕިޓަލަކީ ސައިކޭޓްރިސްޓެއްގެ ހިދުމަތް އެންމެ ފުރަތަމަ ދޭން ފެށުނު ހޮސްޕިޓަލަށް ވެގެންދިއުންކަމަށް ވިދާޅުވިއެވެ.
"މީގެ ކުރިން މި އަތޮޅުގެ މީހުން ހިދުމަތް ހޯދަމުން ދިޔައީ އުނގޫފާރުން ނޫނީ މާލެއަށް ގޮސްގެން، އެބޭފުޅުން ހިދުމަތް ހޯދަމުން ދިޔައީ ދަތުރުފަތުރު ކުރުމަށް ހުރި ގޮންޖެހުންތަކާއެކު، މިއީ ވަރަށް ބޮޑު ލުއިފަސޭހައެއް، 2025 ވަނަ އަހަރުގެ ޑިސެމްބަރުމަހު މި ހިދުމަތް ފެށީ ޖޫންމަހުގެ ނިޔަލަށް 200 މީހުން ފަރުވާ ހޯދި،" މައިމޫން ވިދާޅުވިއެވެ.
ނ. އަތޮޅު ހޮސްޕިޓަލަށް އިތުރުކުރާ އައު އިމާރާތުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށް މައިމޫން ވިދާޅުވިއެވެ. މި އިމާރާތާއެކު ހޮސްޕިޓަލުން ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެކަން ފާހަގަކުރައްވައި މައިމޫން ވިދާޅުވީ މިއަދު ނ. އަތޮޅު ހޮސްޕިޓަލަކީ 40،000 މީހުން ހިދުމަތް ހޯދާ ހޮސްޕިޓަލެއްކަމަށެވެ. ހިދުމަތްތަކާ މެދު ރައްޔިތުންގެ އިތުބާރު އެބައޮތްކަން މިކަމުން ދޭހަވާކަމަށް ވިދާޅުވިއެވެ.
ކުރިމަގުގައި އައިސީޔޫގެ ކެޕޭސިޓީ ބޮޑުކޮށް، ސްޕީޗް ތެރަޕީގެ ހިދުމަތް ފަށައި، ތަނަށް ބޭނުންވާ އާލާތްތައް ޒަމާނީ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން މައިމޫން ފާހަގަކުރެއްވިއެވެ.
ވޭތުވެ ދިޔަ 30 އަހަރުގެ ތެރޭގައި އަތޮޅު ހޮސްޕިޓަލަކަށް ނާންނަހާ ބޮޑު ކުރިއެރުމެއް ނ. އަތޮޅު ހޮސްޕިޓަލަށް މިވީ ދެ އަހަރުގެ ތެރޭގައި އައިސްފައިވާކަމަށާއި އެކަން އަތޮޅުގެ ރައްޔިތުން ބަލައިގަންނަކަމަށް މައުމޫން ވިދާޅުވިއެވެ.