ENGLISH

19 ޖުލައި 2026

Advertisement

ހައިޑްރޭޝަން ބްރޭކުގެ ސަބަބުން މެޗުތަކުގެ ނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވޭ: ވެންގާ

19 ޖުލައި 2026

|

އިސްމާއިލް ޝާހު

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓް އާސެން ވެންގާ --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގައި ދެމުން އަންނަ "ހައިޑްރޭޝަން ބްރޭކު" ގެ ސަބަބުން ކުޅުމުގެ ވައްޓަފާޅިއަށް ނުވަތަ މެޗުތަކުގެ ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށާއި، އެކަމަކު ކުރިއަށް އޮތް ތަނުގައި މި އުސޫލަށް އަމަލުކުރާނެކަމާމެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓް އާސެން ވެންގާ ވިދާޅުވެއްޖެއެވެ.

ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި އާދީއްތަ ދުވަހުގެރޭ ސްޕެއިނާއި އާޖެންޓީނާ ބައްދަލުކުރާ ވޯލްޑް ކަޕުގެ ފައިނަލް މެޗުގެ ކުރިން ވާހަކަ ދައްކަވަމުން އާސެނަލްގެ ކުރީގެ ކޯޗު ވެންގާ ވިދާޅުވީ، މުބާރާތަށްފަހު ފީފާއިން މި ބްރޭކުތަކާ ގުޅޭގޮތުން ދިރާސާކުރާނެ ކަމަށާއި، ކުރިއަށް އޮތް މުބާރާތްތަކުގައި މި އުސޫލު ބޭނުންކުރާނެތޯ ނިންމާނީ އޭގެ ފަހުން ކަމަށެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގެ ކޮންމެ ހާފެއްގެ މެދުތެރެއިން ފެންބުއިމަށް ތިން މިނެޓުގެ ބްރޭކެއް ދިނުމަށް ފީފާއިން ވަނީ މަޖުބޫރުކޮށްފައެވެ. ނަމަވެސް މި ނިންމުމަށް އެންމެންގެ ތާއީދެއް ނުލިބެއެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، މި ބްރޭކުތަކުގެ ސަބަބުން މެޗު ހަތަރު ބަޔަށް ބެހިގެންދާ ފަދަ އިހުސާސެއް ކުރެވޭ ކަމަށާއި، މީގެ ސަބަބުން ކުޅުމުގެ ޖޯޝަށް އަސަރުކުރާ ކަމަށެވެ. އަދި މިއީ ބްރޯޑްކާސްޓަރުންނަށް އިޝްތިހާރު ދެއްކުމަށް ލިބޭ ފުރުސަތަކަށް ވާތީވެސް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރިއެވެ. މުބާރާތުގެ ކުރީކޮޅުގެ މެޗުތަކުގައި ފެންބުއިމަށް މެޗު ހުއްޓާލުމުން ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މި ބްރޭކުތަކުގެ ސަބަބުން މެޗުތަކަށް އެއްވެސް އަސަރެއް ކުރިތޯ ނޫސްވެރިން ސުވާލުކުރުމުން ވެންގާ ވިދާޅުވީ، "ނޫން، ބައެއް ފަރާތްތަކުން އެކަމާ ހިތްހަމަނުޖެހުނު ނަމަވެސް، މުބާރާތަށްފަހު އޭގެ އަސަރުތައް އަޅުގަނޑުމެން ދިރާސާކުރަން ޖެހޭނެ،" ކަމަށެވެ. އަދި ފެންބުއިމަށް ދިން ވަގުތުގެ ސަބަބުން މުބާރާތުގެ ނަތީޖާތަކަށް ބަދަލު އައި ކަމަކަށް ގަބޫލުނުކުރައްވާ ކަމަށާއި، ފީފާގެ އަމާޒަކީ ފުޓްބޯޅަ ބަލާ ފަރާތްތަކަށް އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މުބާރާތުގެ ތެރޭގައި ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ އާއި ނެދަލެންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ވަނީ، އިންތިހާއަށް ހޫނުގަދަ ހާލަތްތަކުގައި މިފަދަ މެދުކެނޑުމެއް ދިނުމުގެ މުހިންމުކަން ގަބޫލުކުރާ ކަމަށް ބުނެފައެވެ. ނަމަވެސް ފިނި މާހައުލުތަކުގައާއި، ބަންދުކޮށްފައިވާ ދަނޑުތަކުގައި އެކަމުގެ ބޭނުމެއް އޮތްތޯ އޭނާ ސުވާލު އުފެއްދިއެވެ. މީގެ އިތުރުން އިންގްލެންޑުގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ހީކުރި ވަރަށްވުރެ ބޮޑަށް މި މެދުކެނޑުންތަކުގެ ސަބަބުން މެޗުގެ އޮހޮރޭލުމަށް ބުރޫއެރި ކަމަށެވެ.

އުރުގުއޭގެ ކޯޗު މާސެލޯ ބިއެލްސާ ވަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ބުނީ މި ބްރޭކުތަކުގެ ސަބަބުން ފުޓްބޯޅައަށް ލިބުނު ކުރިއެރުމެއް ނެތް ކަމަށާއި، މީގެ ސަބަބުން ކުޅިވަރުގެ އަސްލު ރޫހު ގެއްލިގެންދާ ކަމަށެވެ.

މެކްސިކޯ، ކެނެޑާ އަދި އެމެރިކާގައި ބާއްވާ މި މުބާރާތުގައި، މެޗުތައް ކުޅުނު ސަރަހައްދުތަކުގައި މޫސުމީ ބޮޑެތި ތަފާތުތަކެއް ހުއްޓެވެ. ބައެއް މެޗުތައް އިންތިހާއަށް ހޫނުގަދަ ހާލަތްތަކުގައި ކުޅުނުއިރު، ކެނެޑާ އާއި ބޮސްޓަން ފަދަ ސަރަހައްދުތަކުގައި ކުޅުނު މެޗުތަކުގެ މޫސުން ވަރަށް ފިންޏެވެ.

މިކަމާ ގުޅޭގޮތުން ވެންގާ ވިދާޅުވީ، "ބައެއް މެޗުތަކުގައި މި މެދުކެނޑުން ވަރަށް ބޮޑަށް ބޭނުންވި. އަދި މެޗުތަކުގެ މެދުގައި ތަފާތުކުރުމެއް ގެންގުޅެން ބޭނުންނުވާތީ ހުރިހާ މެޗެއްގައިވެސް އެގޮތަށް އަމަލުކުރަން ނިންމީ. މުބާރާތަށްފަހު މިކަމުގެ ފުން ދިރާސާއެއް ކުރާނަން،" ކަމަށެވެ. އަދި ބަންދުކޮށްފައިޗާ ދަނޑުތަކުގައި ކުޅުނު މެޗުތަކުގައި މި ބްރޭކު ދިނުމުން ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުނު ނަމަވެސް، ސިއްހީ ގޮތުން ބަލާއިރު ގިނަ މެޗުތަކުގައި އެއީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވެންގާ ވިދާޅުވިއެވެ. މިކަމުގައި ފީފާއިން އަދި ވަކި ސީދާ ނިންމުމަކަށް އައިސްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު