ENGLISH

19 ޖުލައި 2026

Advertisement

އެސްޓަން ވިލާއަށް ކުޅެމުން އައި ރޮޖާސް، ރިކޯޑު އަގަކަށް ޗެލްސީއަށް

19 ޖުލައި 2026

|

އިސްމާއިލް ޝާހު

އިނގިރޭސި މިޑްފީލްޑަރު މޯގަން ރޮޖާސް --- ފޮޓޯ: ރޮއިޓަރސް

އެސްޓަން ވިލާގެ އިނގިރޭސި މިޑްފީލްޑަރު މޯގަން ރޮޖާސް، ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޗެލްސީއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ރޮޖާސް ޗެލްސީއާ ގުޅޭނީ 117 މިލިޔަން ޕައުންޑް (157 މިލިޔަން ޑޮލަރު) ގެ ރިކޯޑު އަގަކަށެވެ. މިއީ ހުޅަނގު ލަންޑަނަށް ނިސްބަތްވާ ޗެލްސީން ކުޅުންތެރިއަކު ގަތުމަށް ހޭދަކުރާ އެންމެ ބޮޑު އަދަދެވެ.

ފޯވާޑެއްގެ އިތުރުން އެޓޭކިން މިޑްފީލްޑަރެއްގެ މަގާމަށްވެސް ކުޅޭ ރޮޖާސް، އަންނަ ހޯމަ ދުވަހު ޗެލްސީގެ މެޑިކަލް ޓެސްޓުތައް ފުރިހަމަކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއާއެކު އޭނާ އެސްޓަން ވިލާގައި ހޭދަކުރި ކާމިޔާބު ދެ އަހަރުގެ ދައުރު ނިމުމަކަށް އަންނާނެއެވެ. އޭނާ ވަނީ ވިލާއާއެކު ޔުއެފާ ޔޫރޮޕާ ލީގުގެ ތަށިވެސް އުފުލާލާފައެވެ.

މީގެ ކުރިން ޗެލްސީން އެންމެ ބޮޑު އަގަކަށް ގަނެފައިވަނީ 2023 ވަނަ އަހަރު 115 މިލިޔަން ޕައުންޑަށް ގެނައި އެކުއަޑޯގެ މިޑްފީލްޑަރު މޮއިސަސް ކައިސެޑޯއެވެ. އުމުރުން 23 އަހަރުގެ ރޮޖާސް ހޯދުމަށް އިނގިރޭސި ޗެމްޕިއަން އާސެނަލުންވެސް މަސައްކަތް ކުރި ނަމަވެސް، ޗެލްސީން ވަނީ އެ ރޭހުގައި އާސެނަލް ފަހަތަށް ޖައްސާލާފައެވެ.

2024 ވަނަ އަހަރު މިޑްލްސްބަރާއިން ވިލާއާ ގުޅުނު ރޮޖާސް، އިނގިރޭސި ޤައުމީ ޓީމަށް ފުރަތަމަ ފަހަރަށް ކުޅުނީ އެ އަހަރުގެ ނޮވެމްބަރު މަހުއެވެ. މިދިޔަ ބުދަ ދުވަހު ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުގައި އާޖެންޓީނާ އަތުން 2-1 ގެ ނަތޯޖާއަކުން އިނގިރޭސިން ބަލިވި މެޗުގައި އެންތަނީ ގޯޑަން ޖެހި ލަނޑު ކާމިޔާބުކުރުމަށް އެހީތެރިވެދިނީވެސް އޭނާއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީގައި ޔުއެފާ ޗެމްޕިއަންސް ލީގުގައި ސެލްޓިކް އަތުން 4-2 ގެ ނަތީޖާއަކުން ވިލާ މޮޅުވި މެޗުގައި ރޮޖާސް ހެޓްރިކެއް ހެދިއިރު، އެ ޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ގެންގޮސްދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ. އަދި 2025/26 ވަނަ އަހަރުގެ ސީޒަނަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ފެނުނު އެންމެ ކާމިޔާބު ސީޒަނެވެ. އެގޮތުން އިނގިރޭސި ޕްރިމިއަރ ލީގުގައި އޭނާ ވަނީ 10 ލަނޑު ޖަހާފައެވެ.

ޔޫރޮޕާ ލީގުގެ ފައިނަލުގައި ފްރައިބާގް އަތުން 3-0 ގެ ނަތީޖާއަކުން ވިލާ މޮޅުވި މެޗުގައި، ފުރަތަމަ ލަނޑު ޖެހުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީވެސް ރޮޖާސްއެވެ. މިއީ 1982 ވަނަ އަހަރުގެ ފަހުން އެ ކުލަބުން ހޯދި ޔޫރަޕުގެ ފުރަތަމަ ބޮޑު ކާމިޔާބީއެވެ.

ނިމިދިޔަ ސީޒަނުގެ ލީގު ތާވަލުގެ 10 ވަނައިގައި ނިންމާލި ޗެލްސީން، އައު ސީޒަނުގެ ފުރަތަމަ މެޗުގައި އޮގަސްޓް 24 ވަނަ ދުވަހު ނުކުންނާނީ އަވައްޓެރި ފުލަމާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު