ENGLISH
21 އޭޕްރީލު 2025
ބޮންޑެޑް ވެއާރހައުސްއެއްގައި ހުރި މުދާ ނެރުނު މައްސަލައެއް ތަހުޤީޤުކުރަނީ
28 ޑިސެމްބަރު 2024
|
އެމްޕީއެލް ވެއާރހައުސް --- ފޮޓޯ: އެމްވީ ޕްލަސް
މޯލްޑިވްސް ކަސްޓަމްސް ސަރވިސަށް ނޭނގި ބޮންޑެޑް ވެއަރހައުސެއްގައި ހުރި މުދާ ނެރުނު މައްސަލައެއް ތަހުޤީޤުކުރަން ފަށައިފިއެވެ.
ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިހްސާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒަމާނުއްސުރެ ބޮންޑެޑް ވެއަރހައުސް މާލޭގެ އެކި ގެތަކުގައި އަދި އެޕާޓްމަންޓުތަކުގައި ހިންގަމުން އަންނަ ކަމަށާއި، އެފަދަ ތަންތަނުގައި ދެ ތަޅު ހަރުކޮށް ތަޅުދަނޑި ބަލަހައްޓަނީ ކަސްޓަމްސްއިން ކަމަށެވެ. މުދާ ގެއްލުނު ބޮންޑެޑް ވެއަރހައުސްއަކީ ވެސް ގެއެއްގައި ހަދާފައި ހުރި ތަނެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ވެރިފަރާތުން ވެއާރހައުސް ހިންގި ތަން ދޫކޮށް އެތަނުގައި އެހެން މަސައްކަތެއް ކުރަމުން އަންނަ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމުން އެކަން ޔަގީންކޮށް ތަނުގެ ވެރިފަރާތަށް އެތަނުގައި ހުރި ކަމަށް ރެކޯޑުތަކުން ދައްކާ މުދަލަށް ޑިއުޓީ ދެއްކުމަށް އަންގާފައިވާވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އަދި މިކަން ހިނގިގޮތް ބަލާ ޤާނޫނީ ފިޔަވަޅު އެޅުމަށް ކަސްޓަމްސް އާއި ފުލުހުން ދަނީ ތަހުޤީޤު ކުރަމުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިހްސާން އިތުރަށް ވިދާޅުވީ، ގެތަކުގައި ބޮންޑެޑް ވެއަރހައުސް ހިންގުމަކީ ސަލާމަތީ ގޮތުން އަދި ކޮންޓްރޯލް ކުރުމަށް ވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި ސަރުކާރުން އެކަން ބަދަލު ކުރައްވާފައިވާ ކަމަށެވެ. އަދި ބޮންޑެޑް ވެއާރހައުސް ދެން ހިންގޭނީ ކަސްޓަމްސްގެ ފުލް ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައި ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.